ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މީހުން ގޭގޭގައި ބޭނުންކުރާ ސްމާޓް ކެމެރާތަކާއި އިލެކްޓްރޯނިކް ސާމާނުތަކުގެ ޕާސްވޯޑް ވަގުތުން ބަދަލުކުރުމަށް އޫއޭއީގެ ސަރުކާރުގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ ރައީސް ޑރ. މުޙައްމަދު ޙަމަދު އަލްކުވައިތީ، އިލްތިމާސްކުރައްވައިފިއެވެ. މި އިލްތިމާސް ކުރައްވާފައިވަނީ ހަނގުރާމަތަކާއި ކާރިސާތަކުގެ ވަގުތުތަކުގައި ސައިބަރ ހަމަލާތަކާއި ޖާސޫސްކުރުމުގެ ނުރައްކާ ބޮޑުވާތީއެވެ.
ޑރ. އަލް ކުވައިތީ ވިދާޅުވީ، ކެމެރާތަކާއި ސްމާޓް ޑިވައިސްތައް ގަންނައިރު ހުންނަ ޑިފޯލްޓް ޕާސްވޯޑްތައް ވަގުތުން ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި އަކުރުތަކާއި، ނަންބަރުތަކާއި، ރަމްޒުތައް ހިމެނޭ ވަރުގަދަ ޕާސްވޯޑްތައް ބޭނުންކުރުމަށާއި، ދެ މަރުހަލާގެ ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، އިންޓަނެޓް ރައުޓަރުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށާއި، ބޭނުން ނުކުރާ ވަގުތުތަކުގައި 'ރިމޯޓް އެކްސެސް' ނުވަތަ ދުރުގައި ހުރެގެން ޑިވައިސްތަކަށް ވަދެވޭ ގޮތަށް ހުންނަ ސެޓިންގްސް ނިއްވާލުމަށްވެސް ވަނީ އަންގާފައެވެ. ސައިބަރ ކައުންސިލުން ބާރުއަޅަނީ ސޮފްޓްވެއަރތައް އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓުމަށެވެ.
"ސައިބަރ ހަމަލާތަކަކީ ހަމައެކަނި މުއައްސަސާތަކަށް އަމާޒުވާ އެއްޗެއް ނޫން، އެއީ އާއިލާތަކާއި އަމިއްލަ ފަރުދުންނަށްވެސް އޮތް ނުރައްކަލެއް،" ޑރ. އަލް ކުވައިތީ ވިދާޅުވިއެވެ. އޭނާ ވަނީ ނޭނގޭ ފަރާތްތަކުން ފޮނުވާ ލިންކުތަކާއި ފައިލްތައް ނުހުޅުވުމަށާއި، ދޮގު ޚަބަރުތަކާއި ފިޝިންގް މެސެޖުތަކަށް ސަމާލުވުމަށް ގޮވާލައްވާފައެވެ.
ކާރިސާތަކުގެ ވަގުތުގައި ސޯޝަލް މީޑިއާގައި އަމިއްލަ ލޮކޭޝަން ހިއްސާކުރުން ހުއްޓާލުމަށާއި، ބޭންކް އެކައުންޓްތަކާއި އީމެއިލްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މުހިންމު މައުލޫމާތުތަކުގެ ބެކަޕް ނަގާފައި ބެހެއްޓުމަށްވެސް ވަނީ ލަފާދީފައެވެ.
ސައިބަރ ސެކިއުރިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، މިފަދަ ދަނޑިވަޅެއްގައި ސައިބަރ ސެކިއުރިޓީއަށް ސަމާލުކަން ދިނުމަކީ ހަމައެކަނި ފަންނީ ކަމެއް ނޫނެވެ. އެއީ އަމިއްލަ ފަރުދުންނާއި ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ގޭގައި ބޭނުންކުރާ ކުޑަ ޑިވައިސްއަކަށް ދެވޭ ފަރުވާކުޑަކަމެއްގެ ސަބަބުން މުޅި ނެޓްވޯކް ހެކްކޮށް، ބްލެކްމެއިލް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.





