ޖެނޮސައިޑް އިސްރާއީލުން ދިން ހަމަލާއެއްގައި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލީ ލާރިޖާނީ އާއި ބަސީޖް ފޯސްގެ ކޮމާންޑަރު ޣުލާމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކުން ޔަހޫދީން ނާމާން ރޭގަނޑެއް ތަހައްމަލުކޮށްފިއެވެ.
އިސްރާއީލުގެ މެދުތެރޭގެ ހުލޯން ސަރަހައްދަށް އީރާނުގެ މިސައިލްތައް އޮއްސާލުމުގެ ސަބަބުން އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ މަންޒަރުތައް ވަނީ ފެނިފައެވެ. މީޑއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރެއަކީ އީރާނުގެ މިސައިލް ހަމަލާތައް އެންމެ ވަރުގަދަވި ރޭއެވެ. ކޮންމެ ގަޑިއަކު ކަހަލަ ގޮތަކަށް މިސައިލްތައް އަޅާފައި ވެއެވެ.
ރޭގެ ހަމަލާތަކުގައި ބޮޑަށް ބޭނުންކޮށްފައިވަނީ ބަރު މިސައިލްތަކެވެ. ޚާއްޞަކޮށް ދެ ޓަނުގެ ގޮވާތަކެތި އުފުލަ "ޚުއްރަމްޝަހަރު 4″ މޮޑެލްގެ މިސައިލްތަކާއި، މީގެ ކުރިން ބޭނުންކޮށްފައިނުވާ، އަދި އަޑަށްވުރެ 13 ގުނަ ބާރަށް ދަތުރުކުރާ އައު ކްލަސްޓާ މިސައިލްތައް ވެސް އީރާނުން ބޭނުންކޮށްފައި ވެއެވެ.

ފާރިސް ނިއުސް އެޖެންސީން ރިވޮލިއުޝަނަރީ ގާޑްސްގެ މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ކެބިނެޓްގެ އިސް ޔަހޫދީއަކަށް އަމާޒުކޮށް ހަމަލާދީފައި ވެއެވެ. އަދި ފަހުގެ ހަމަލާތަކުގައި އިސްރާއީލުގެ 100 އަށްވުރެ ގިނަ ތަންތަނަށް އަމާޒު ކޮށްފައި ވެއެވެ.
މި ހަމަލާތަކަކީ ލާރިޖާނީ އާއި ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނި ބުނުމަށް ދިން އަމަލީ އަދި އަވަސް ޖަވާބެކެވެ. އަދި އީރާނުގެ މިސައިލް ރިޒާވާއި ލޯންޗަރުތައް އަދިވެސް ގިނަ އަދަދަކަށް އެބަހުރިކަން ކަށަވަރުކޮށްދިނުމަށް ދިން ހަމަލާތަކެއް ކަމަށްވެސް ފާއިދު ފާހަގަކުރެއްވިއެވެ.
މި ވަރުގަދަ ހަމަލާތަކުގެ ޒަރީއާއިން އީރާނުން ބޭނުންވީ އެގައުމުގެ ދިފާއުގައާއި ސިޔާދަތު ހިމާޔަތްކުރުމުގައި ދެމިތިބޭނެ ކަމުގެ މެސެޖު ދިނުމަށެވެ. ތެހެރާނުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ބުނެފައިވަނީ، ވަކި މުއްދަތެއް ނެތް ގޮތަށް އަދި ކޮންމެ މައިދާނެއްގައިވެސް ހަނގުރާމަ ކުރިއަށް ގެންދަން އެގައުމު އޮތީ ތައްޔާރަށެވެ.
އެމެރިކާ އާއި އިސްރާއީލުން ސިޔާސީ އަދި ޑިޕްލޮމެޓިކް ލީޑަރުން އަވަހާރަކޮށްލުމުގެ ޓެރަރިސްޓް ސިޔާސަތު ގެންގުޅެމުންދާއިރު، އީރާނުގެ މި ރައްދުތަކުން ދޭހަވަނީ އައު ލީޑަރުންނަކީ މާ ބޮޑަށް ސާބިތުވެ ތިބޭނެ ބައެއް ކަމަށާއި، އެމެރިކާ މީހުންނަކީ ސުލްހައަށް ބޭނުންވާ ބައެއް ނޫންކަން ގަބޫލުކުރާ ބައެއް ކަމުގެ މެސެޖު ކަމަށް މީޑިއާިއން ބުނެއެވެ.
އިސްރާއީލުގައި، ހުލޯން އާއި މިޝްމާރު ހަޝިވާ ސަރަހައްދުތަކަށް ލިބުނު ގެއްލުންތަކާއި ރޯވި އަލިފާންގަނޑުތައް ނިއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިތުރު ސިފައިންނާއި ސިވިލް ޑިފެންސް ފޮނުވާފައެވެ.
ހުލޯންގެ އިމާރާތެއްގައި ބޮޑު އަލިފާންގަނޑެއް ރޯވީ އީރާނުގެ ކްލަސްޓާ މިސައިލެއްގެ ބަރު ވޯހެޑެއް ވައްޓާލުމުގެ ސަބަބުންނެވެ. އަލްޖަޒީރާއިން ދެއްކި މަންޒަރުތަކުން އިމާރާތްތަކާއި އުޅަނދުތަކުން ދުން އަރަމުންދާ ތަން ފެނެއެވެ. އަންގާރަ ދުވަހުގެ ރޭ އިސްރާއީލުގެ މެދުތެރޭ ސަރަހައްދަށް މަދުވެގެން 4 ފަހަރެއްގެ މަތިން އީރާނުން ބަރު މިސައިލް ހަމަލާ އަމާޒުކޮށްފައިވެއެވެ.
އީރާނުގެ ހަމަލާތައް އިސްރާއީލުގެ ދެކުނަށާއި ހިފާފައިވާ ގުދުސްއަށްވެސް އަމާޒުވިއިރު، އެ ސަރަހައްދުތަކުގައި މަރުގެ ސައިރަންގެ އަޑު ތަކުރާރުކޮށް އިވުނެވެ. އިސްރާއީލުގެ އެމްބިއުލާންސް ސާވިސްއިން ބުނި ގޮތުގައި ތަލް އަބީބުގެ ދެކުނުން އޮންނަ "ރަމަޓް ގާން" އަށް ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ލާރިޖާނީ އާއި ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެއަރޮސްޕޭސް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މަޖީދު މޫސަވީ ވަނީ "އެމެރިކާއާއި ޒަޔަނިސްޓް ދުޝްމަނުންނާ ދެކޮޅަށް ސަރަހައްދުގައި ވަރުގަދަ އަދި ނަތީޖާ ނެރެވޭނެ ހަމަލާތަކެއް" ހަލުވި ދުވެލީގައި ފަށާފައިވާކަން އިއުލާން ކުރައްވާފައެވެ.
އަދި ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ "ވަޢުދުއްޞާދިޤް 4″ އޮޕަރޭޝަނުގެ 61 ވަނަ ރާޅު ފަށާފައިވާކަން ހާމަކޮށް، މިއީ އިސް ދެ ޝަޚްސިއްޔަތު އަވަހާރަކޮށްލުމުގެ ބަދަލުގައި ދޭ ހަމަލާތަކެއް ކަމަށް ބުނެފައެވެ.





