ޖަޕާނާއި ފިލިޕީންސުން އާ ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، ޖަޕާނާއި ފިލިޕީންސާ ދެމެދު އަސްކަރީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"އެކިއުޒިޝަން އެންޑް ކްރޮސް-ސާވިސިންގ އެގްރީމެންޓް"ގެ ނަމުން ނަންދީފައިވާ މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ ތަމްރީނުތަކުގައި ބޭނުންވާ ހަތިޔާރާއި، ތެލާއި، ކާބޯތަކެތީގެ އިތުރުން ލޮޖިސްޓިކްސްގެ އެހީތެރިކަން ޓެކްސްއާ ނުލައި ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޤުދުރަތީ ކާރިސާތަކަށް ދެ ޤައުމު ގުޅިގެން ތައްޔާރުވުން އިތުރުކުރުމެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި ރަސްމިއްޔާތެއްގައި

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުގެ ޚާރިޖީ ވަޒީރު ތޮޝިމިޓްސޫ މޮޓެގީ އާއި ފިލިޕީންސްގެ ޚާރިޖީ ވަޒީރު ތެރޭސާ ލަޒާރޯއެވެ. މި ބައްދަލުވުމުގައި ދެ ވަޒީރުންވެސް ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމާއި، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ފިލިޕީންސްގެ ދެކުނުގެ ޕްރޮވިންސްތަކުގައި ސެކިއުރިޓީ ބޯޓުތައް ބަހައްޓާނެ ހިޔާވަހިކަން ގާއިމުކުރުމަށާއި، އެކަށީގެންވާ ޚިދުމަތް ނުލިބޭ ސަރަޙައްދުތަކަށް އިންޓަރނެޓްގެ ޚިދުމަތް ފުޅާކުރުމަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެކަންވެސް ވަނީ އިޢުލާންކޮށްފައެވެ.

މިއީ އެމެރިކާގެ ބައިވެރިން ކަމަށްވާ ޖަޕާނާއި ފިލިޕީންސްގެ ދިފާޢީ ގުޅުން ވަރުގަދަވަމުންދާކަމުގެ ހެއްކެކެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ މެދުތެރޭގައި މި ދެ ޤައުމުން ވަނީ "ރެސިޕްރޯކަލް އެކްސެސް އެގްރީމެންޓް"ގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ސިފައިން އެއް ޤައުމުން އަނެއް ޤައުމަށް ގޮސް ބޮޑެތި އަސްކަރީ ތަމްރީނުތަކާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ މަގު ވަނީ ހުޅުވިފައެވެ.

މިހާރު ސޮއިކުރެވުނު އާ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރަން ފެށޭނީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުން އެ އެއްބަސްވުން ތަޞްދީޤު ކުރުމުންނެވެ.

 

ހިއްސާ ކުރައްވާ!