ޔޫއޭއީގެ ދުބާއީގައި އެމރިކާގެ އަމާޒުފަތްގަނޑުތަކަށް އީރާނުން ދެމުންދާ ދިފާއީ ހަމަލާތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރި ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ބޭރު ގައުމުތަކުގެ މީހުން ހައްޔަރުކޮށްފިއެވެ. މިއީ އެ ސިޓީގެ އަމާންކަމުގެ ތަަަސައްވަރު ދެމެހެއްޓުމަށްޓަކައި ޔޫއޭއީގެ ސައިބަރ ކްރައިމް ގާނޫނުތަކުގެ ދަށުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކެކެވެ.
މިގޮތުން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ތިން ދަރިންގެ ބައްޕައަކު ހިމެނޭއިރު، އޭނާ ހައްޔަރުކޮށްފައިވަނީ އީރާނުން ދިން ދިފާއީ ހަމަލާތަކުގެ ވީޑިއޯއެއް އާންމުކުރި މައްސަލައިގައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ 'ޑިޓެއިންޑް އިން ދުބާއީ' އިން ބުނިގޮތުގައި، އެމީހާ ހުރީ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައެވެ. އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭއިރު، އާއިލާއާ މުއާމަލާތް ކުރުމުގެ ފުރުސަތުވެސް ވަނީ ބަންދުކޮށްފައެވެ.
މި ހަރުކަށި ފިޔަވަޅުތަކުގެ ދަށުން، ކްރީކް ހާބަރ ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި ޒަޚާމްވި ތިން ބޭރު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކުގެ ފޮޓޯ، އެމީހުން ސަލާމަތުން ތިބިކަން ކަށަވަރުކޮށްދިނުމަށް އާއިލާއަށް އަމިއްލަ މެސެޖެއްގެ ގޮތުގައި ފޮނުވުމުންނެވެ. ފުލުހުން އެމީހުންގެ ފޯނުތައް ޗެކްކުރުމަށްފަހު ވަނީ ހައްޔަރުކޮށްފައެވެ.
މިކަމާ ގުޅިގެން 'ޑިޓެއިންޑް އިން ދުބާއީ' ގެ ރާޑާ ސްޓާލިން ވިދާޅުވީ، "ހަމަލާއަކުން ސަލާމަތްވި ތިން މީހަކު އެމީހުން ދިރިތިބިކަން އާއިލާއަށް އެންގުމަށް ފޮޓޯއެއް ހިއްސާކުރުމުން، އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ދުބާއީ ފުލުހުން ވަނީ އެމީހުން ޖަލަށްލާފައި،" ކަމަށެވެ.
ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް 21 މީހަކަށް ވަނީ ސައިބަރ ކްރައިމް ގާނޫނުގެ ދަށުން ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނޭ އުމުރުން 60 އަހަރުގެ އިނގިރޭސި ރައްޔިތަކަށް ކުރަނީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ ޕްރޮޕެގަންޑާ ފެތުރުމުގެ ތުހުމަތެވެ. މިފަދަ ކުށްތަކަށް ދެ އަހަރާ ހަމައަށް ޖަލު އަދަބު ކަނޑައެޅިދާނެއެވެ.
ދުބާއީ ސަރުކާރުން ވަނީ ސޯޝަލް މީޑިއާގެ ކޮންޓްރޯލް ވަރުގަދަކޮށް، އާންމުންގެ މެދުގައި ހާސްކަން އުފެދޭ ފަދަ އެއްވެސް މައުލޫމާތެއް ހިއްސާކުރާ މީހުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އޮފިޝަލުން ބުނަމުންދަނީ އުޑުމަތިން އިވޭ ބާރު އަޑުފަށަކީ ޔޫއޭއީގެ އެއާ ޑިފެންސް ސިސްޓަމުން ގައުމު ރައްކާތެރިކުރާ އަޑު ކަމަށެވެ. އެއީ އީރާނުގެ މިސައިލެއްގެ އަޑެއް ނޫން ކަމަށެވެ.
ޔޫއޭއީ އަކީ އިސްލާމީ އަރަބި ދުނިޔޭގައި ބަހުރައިން އާއެކު ޒަޔަނިޒަމަށް އެންމެ ބޮޑަށް ބާރު އަޅާ ގައުމެވެ.






