އިނގިރޭސި ސްކައި ނިއުސްއިން ޔޫއޭއީ އިން ހިންގާ ސްކައި ނިއުސް އަރަބިކްއާ ގުޅުން ކަނޑާލަން ނިންމައިފި

އިނގިރޭސިވިލާތުގެ ސްކައި ނިއުސްއިން، ޔޫއޭއީގެ ޕާޓްނަރާއެކު އޮތް ލައިސަންސިން އެއްބަސްވުން އަންނަ އަހަރުން ފެށިގެން ނިމުމަކަށް ގެނައުމަށް ނިންމައިފިއެވެ. މީގެ މާނައަކީ ޔޫއޭއީގެ ޗެނަލަށް "ސްކައި ނިއުސް" ބްރޭންޑް ބޭނުންކުރުމުގެ ހުއްދަ ޔޫއޭއީގެ ކުންފުންޏަށް ގެއްލިގެންދާނެއެވެ. އިނގިރޭސިވިލާތުގެ "ދަ ޓެލެގްރާފް" ނޫހުން މިއަދު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ނިންމުން ނިންމާފައިވަނީ ސޫދާނުގެ ދާޚިލީ ހަނގުރާމައާ ގުޅޭގޮތުން ސްކައި ނިއުސް އަރަބިކްއިން ގެނެސްދޭ ދޮގު ޚަބަރު ތަކާ ހެދިއެވެ.

ޔޫއޭއީއަކީ ސޫދާނުގެ އަހުލީ ހަނގުރާމައިގައި ގަތުލުއާންމު ހިންގާ ބާޣީ ޖަމާއަް ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އަށް ފައިސާއާއި ހަތިޔާރު ސަޕްލައިކޮށްދޭ ގައުމެވެ.

ޚާއްޞަކޮށް ދާރްފޫރުގައި އާރްއެސްއެފް މިލިޝިއާއިން ހިންގާ ކަމަށް ބުނާ ލާއިންސާނީ އަމަލުތަކާއި، ނަސްލު ނައްތާލުމުގެ މަސައްކަތްތައް ޔޫއޭއީ ޗެނަލުން ކަވަރުކުރާ ގޮތާ މެދު އިންސާނީ ހައްގަށް މަސައްކަތް ކުޜާ ފަރާތްތަކުން ވަނީ ޝަކުވާ ކޮށްފައެވެ. އދ. އިން ފެބްރުއަރީ މަހު ނެރުނު ރިޕޯޓެއްގައި ވެސް އެ ސަރަހައްދުގައި ބޮޑެތި ޖަރީމާތަކެއް އާރްއެސްއެފްއިން ހިންގަމުންދާ ކަމުގެ ހެކި ވަނީ ދައްކާފައެވެ.

ސްކައިގެ ކުރީގެ އިސްވެރިންނާ ހަވާލާދީ ޓެލެގްރާފްގައި ބުނެފައިވަނީ، އަބޫދާބީގައި ހުންނަ މި ޗެނަލުން މިނިވަން ނޫސްވެރިކަމާ ދުރަށް ގޮސް، ޔޫއޭއީގެ ސަރުކާރުގެ ސިޔާސަތުތައް ޕްރޮޕެގެންޑާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ޗެނަލް ހިންގާ އިންޓަނޭޝަނަލް މީޑިއާ އިންވެސްޓްމަންޓްސް (އައިއެމްއައި) އަކީ ޔޫއޭއީގެ ވެރިކަން ކުޜާ އާއިލާ ގެ ޝެއިޚް މަންސޫރު ބިން ޒާއިދާ ގުޅުން އޮންނަ ކުންފުންޏެކެވެ. އެ ޗެނަލްގެ އެޑިޓޯރިއަލް ބޯޑަށް މިނިވަންކަމެއް ނެތް ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލަ އިތުރަށް ހޫނުވީ، އާރްއެސްއެފްގެ އިސްވެރިއަކާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ ސްކައި ނިއުސް އަރަބިކްގެ ރިޕޯޓަރަކު، އާރްއެސްއެފްގެ ކޮމާންޑަރަކަށް ތާއީދުކޮށް އޭނާގެ ގައިގައި ބައްދާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހިންގާ ލާއިންސާނީ އަމަލުތައް އެ ޗެނަލުން ދޮގުކުރާ ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް އައިއެމްއައި އިން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.

ސްކައި ނިއުސް އާއި ޔޫއޭއީގެ މި ޕާޓްނަޝިޕަކީ 2010 ވަނަ އަހަރު ފެށި މަސައްކަތެކެވެ. ނަމަވެސް 2018 ވަނަ އަހަރު ކޮމްކާސްޓުން ސްކައި ގަތުމަށްފަހު، މި ގުޅުމަށް ވަނީ ބުރޫއަރަން ފަށާފައެވެ. މީގެ ކުރިން އޮސްޓްރޭލިއާގައި ވެސް ސްކައި ނިއުސް ބްރޭންޑް ބޭނުންކުރުމުގެ ހުއްދަ އެ ކުންފުނިން ވަނީ ކަނޑާލާފައެވެ.

ބޭރުގެ މީޑިއާއަށް ޔޫއޭއީން ކުރާ އިންވެސްޓްމަންޓްތަކާ މެދު ހުޅަނގުގެ ގައުމުތަކުން ދަނީ ޔޫއޭއީގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ޕްރޮޕެގެންޑާއާ މެދު ސުވާލު އުފައްދަމުންނެވެ.

މީގެ ކުރިން ޔޫއޭއީގެ މަސްލަހަތު އޮންނަ ކުންފުންޏަކުން "ދަ ޓެލެގްރާފް" ނޫސް ގަންނަން ކުރި މަސައްކަތަށް ވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އިނގިރޭސި ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ.

ހިއްސާ ކުރައްވާ!