ޔޫއޭއީ އިން އަރަބި އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ސަބަބުން، އެ ގައުމަށް މިއަދު އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ އަރަބި އެކްޓިވިސްޓުން ފާޑުކިޔަން ފަށައިފިއެވެ. ޔޫއޭއީ އަކީ އިޚުވާނުލްމުސްލިމޫން މަނާ ކުރުމަސާއި ޔޫރަޕްގައި އިސްލާމޯފޯބިއާ ފެތުރުމަށް މަސައްކަތް ކުރި ގައުމުކަމަށްވެސް މީހުން ތުހުމަތު ކުރެއެވެ. ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ޔަމަނާއި، ސޫދާން، ސޯމާލިއާ އަދި ލީބިޔާ ފަދަ ގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމަށް ޔޫއޭއީން ކުރި މަސައްކަތުގެ ނަތީޖާ މިއަދު އެ ގައުމަށް ފެންނަން ފަށާފައިވެއެވެ.
ދުބާއީ އެއާޕޯޓަށް އަމާޒުވި ހަމަލާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޔޫއޭއީގެ ސަރުކާރަށް މަލާމާތްކޮށް، އެއީ "އިލާހީ އިންސާފު" ކަމަށް ސިފަކޮށްފައެވެ. ޚާއްސަކޮށް އެކްސްގައި ބޭނުންކުރަމުންދާ ހޭޝްޓެގްތަކުގައި، ދުބާއީއަކީ ފަޅު ރަށެއްގެ ގޮތުގައި ސިފަކޮށް، އެ ގައުމުގެ އިގްތިސާދީ މަރުކަޒުތަކަށް ލިބެމުންދާ ގެއްލުންތަކަކީ އެހެން އަރަބި ގައުމުތަކުގެ ސުލްހަ ނަގާލުމުގެ ބަދަލު ކަމަށް އެކްޓިވިސްޓުން ބުނެއެވެ.
އެކްޓިވިސްޓުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޔޫއޭއީން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމާއި، އެމެރިކާގެ ނުފޫޒަށް ގައުމުގެ ސަލާމަތީ ކަންކަން ދޫކޮށްލުމަކީ ގައުމުގެ ރައްކާތެރިކަން ގެއްލިގެންދިޔަ މައިގަނޑު ސަބަބެވެ.
"ޔޫއޭއީގެ ވެރިން ވަނީ ގައުމުގެ އަމާން ކަމާއި ސަލާމަތް ވޮޝިންޓަނާއި ތަލްއަބީބަށް ހިބަކޮށްދީފައި،" ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. މީގެ އިތުރުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެންވެސް ޔޫއޭއީގެ ސިޔާސަތުތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާންތަކަށްވެސް ނޫސްވެރިންނާއި އެކްޓިވިސްޓުން ވަނީ ރައްދުދީފައެވެ. އެމެރިކާގެ މަނަވަރުތަކަށް ގެއްލުން ނުވާކަމަށް ބުނެ ޓްރަމްޕް ދެއްކެވި ވާހަކަތަކަކީ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި މިއީ އެމެރިކާގެ އަސްކަރީ ބާރު ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މި ހާދިސާތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކުން އެމެރިކާއަށް ބަރޯސާވުން ހުއްޓާލައި، އަމިއްލަ މިނިވަން ސަލާމަތީ ސިޔާސަތެއް އެކުލަވާލަން ޖެހޭ ކަމަށް ގިނަ މީހުން ބުނެފައި ވެއެވެ. އަދި މީހުން ބުނަނީ ޔޫއޭއީގެ އެތެރޭގެ ސަލާމަތީ ނިޒާމުގެ ބަލިކަށިކަން މި ހަމަލާތަކުން ހާމަވެފައިވާ ކަމަށެވެ.







