ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ގާއިމުކޮށް ފަސޭހަކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވައިގެ ދަތުރުތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މައުލޫމާތު ހިއްސާކުރައްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މި އެއްބަސްވުމާއެކު އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުފަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކަކަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އިތުރު އެެއާލައިންތައް ގެނެސް ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުސްޕީޑެއްގައި ކުރަމުންނެވެ. މިގޮތުން އެފްރިކާއާއި އޭޝިޔާގެ އައު އެއާލައިންތައް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ރަޝިޔާއާއި އިންޑިޔާ އަދި ޗައިނާ ފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓްތައް ހިމެނޭ ގައުމުތަކުގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އައު އެއްބަސްވުމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.




