ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް އަދާލަތުން ތާއީދުކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ.

ޢަދާލަތު ޕާޓީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި "ފެންނަކަމަށް" ވޯޓު ދިނުމަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ.

"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު، 4 އެޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، “ފެންނަކަމަށް” ވޯޓު ދެއްވުމަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ." އަދާލަތު ޕާޓީން އެކްސްގައި ކުރި ޕޯސްޓް

މި އިޞްލާޙާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 4 އެޕްރީލް 2026 ގައެވެ. އަދާލަތު ޕާޓީން ހާމަކުރި ގޮތުގައި މި ވޯޓުގައި "ފެންނަކަމަށް" ވޯޓު ދިނުމަށް ނިންމީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަށްފަހުގައެވެ.

ހިއްސާ ކުރައްވާ!