އިޒްރޭލާއި އެމެރިކާގެ ޓެރަރިސްޓް ހަނގުރާމަ ތިންވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، ދުނިޔޭގެ އިންޓަނެޓްގެ ވިއުގައަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އީރާނުން މިހާރުވެސް ހުރުމުޒް ކަނޑުއޮޅި ބަންދުކޮށް، ދުނިޔެއަށް ބޭނުންވާ ހަކަތަ ސަޕްލައި ކުރުމަށް ހުރަސްއަޅާފައިވާއިރު، މި ކަނޑުއޮޅީގެ އަޑީގައި އަޅާފައިވާ މުހިންމު އިންޓަނެޓް ކޭބަލްތަކަށް އީރާނުން ހަމަލާދީފާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އީރާނުން ކުރަމުންދާ ހަނގުރާމައަކީ އެގައުމުގެ ދެމިއޮތުމަށް ކުރާ ސިޔާދަތާ ގުޅިފައިވާ ހަނގުރާމައެކެވެ. އަރަބިންގެ ވާގިވެރިވުމާއެކު އެމެިރކާއިޮން އަރަބި ބިން ބޭނުންކޮށްގެން އީރާނަށް ހަމަލަ ދޭއިރު އީރާނުން ދަނީ އަރަބިންނާ ދެކޮޅަށް ހަމަލަތައް ދެމުންނެވެ.

ދުނިޔޭގެ ޑިޖިޓަލް މުއާމަލާތްތަކުގެ މައި ނާރުތަކަކީ ކަނޑުގެ އަޑީގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކެވެ. ރެޑްސީއާއި ހުރުމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދަކީ މިފަދަ ގިނަ ކޭބަލްތަކެއް ހުރަސްކުރާ މުހިންމު މަގުތަކެކެވެ. އީރާނުން ހުރުމުޒް ކަނޑުއޮޅީގައި ކަނޑު މައިންތައް އަތުރާފައިވާއިރު، ޔަމަނުގެ ހޫތީން ދަނީ ރެޑްސީން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދެމުންނެވެ. މީގެ ސަބަބުން މި ސަރަހައްދުތަކަކީ ނުރައްކާތެރި ޒޯންތަކަކަށް ވަނީ ވެފައެވެ.
ރެޑްސީގެ އަޑީގައި އެކަނިވެސް 17 ސަބްމެރިން ކޭބަލް އޮތްއިރު، މިއީ ޔޫރަޕް، އޭޝިއާ އަދި އެފްރިކާ ގުޅުވައިދޭ މައިގަނޑު ވަސީލަތެވެ. ހުރުމުޒް ކަނޑުއޮޅި ހުރަސްކުރާ އޭއޭއީ-1، ފެލްކަން، އަދި ޓާޓާ-ޓީޖީއެން ފަދަ ކޭބަލްތަކަކީ އިންޑިއާ ފަދަ ގައުމުތަކުގެ ބައިނަލްއަގުވާމީ ޑޭޓާ ކަނެކްޝަންތަކަށް ވަރަށް މުހިންމު ކޭބަލްތަކެކެވެ.
އެމެޒޯން، މައިކްރޯސޮފްޓް އަދި ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ފަދަ ގައުމުތަކުގައި ބޮޑެތި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ބިލިއަނުން އިންވެސްޓްކޮށްފައެވެ. މި ސަރަހައްދަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އާ މަރުކަޒަކަށް ހެދުމަށް ރާވާފައިވާއިރު، ކަނޑުއަޑީގެ ކޭބަލްތަކަށް ލިބޭ ގެއްލުމަކީ މި މަޝްރޫއުތަކަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ.
މި ސަރަހައްދުގައި ހަނގުރާމަ ހިނގަމުންދާތީ، ކޭބަލްތަކަށް ގެއްލުމެއް ލިބުނު ކަމުގައިވިޔަސް އެތަންތަން މަރާމާތު ކުރުމަކީ މިހާރު ގާތްގަނޑަކަށް ނުވާނެ ކަމެކެވެ. ޓެލެޖިއޮގްރަފީގެ އެލަން މޯލްޑިން ވިދާޅުވި ގޮތުގައި، "ހަނގުރާމައިގެ އަމަލުތައް ހިނގަމުންދާ ސަރަހައްދުތަކުގައި ކޭބަލް މަރާމާތުކުރާ އުޅަނދުތަކުން މަސައްކަތެއް ނުކުރާނެ، އެއީ ނުރައްކާ ބޮޑު ކަމެއް." އެހެންކަމުން، ގަސްދުގައި ނުވަތަ އެކްސިޑެންޓަކުން ކޭބަލެއް ބުރިވެއްޖެނަމަ، އެތައް މަހެއް ވަންދެން އިންޓަނެޓްގެ ޚިދުމަތަށް ބުރޫއަރާފާނެއެވެ.
މީގެ ކުރިން 2024 ވަނަ އަހަރުވެސް ހޫތީންގެ ހަމަލާތަކާ ގުޅިގެން ރަތްކަނޑުގެ ބައެއް ކޭބަލްތަކަށް ގެއްލުންވެ، އިންޓަނެޓްގެ ދުވެލި ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަން ފާހަގަކުރެވެއެވެ. މިހާރު އޮތް މަސްރަހަށް ބަލާއިރު، އީރާނުން އިންޓަނެޓް ކޭބަލްތަކަށް އަމާޒުކޮށްފިނަމަ، މުޅި ދުނިޔޭގެ ބޭންކިން، އީމެއިލް އަދި އެހެނިހެން ޑިޖިޓަލް ހިދުމަތްތަކަށް ބޮޑު ލޮޅުމެއް އަންނާނެއެވެ.






