ސިޑްނީގެ މިސްކިތަކަށް ކުރެއްވި ޒިޔާރަތެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ނުރުހުން އަމާޒުވެއްޖެ

އީދު ނަމާދުގައި ބައިވެރިވެވަޑައިގަތުމަށް ސިޑްނީގެ ލަކެމްބާ މިސްކިތަށް ހުކުރު ދުވަހު ކުރެއްވި ޒިޔާރަތުގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއަށް އެތަނަށް އެއްވެ ތިބި މީހުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް މިސްކިތުގައި ރަމަޟާން މަސް ނިމުން ފާހަގަކުރުމަށް ބޭއްވި މި ހަރަކާތުގައި އަލްބަނީޒްގެ އިތުރުން ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވެސް ބައިވެރިވެވަޑައިގަތެވެ. މުސްލިމް މުޖުތަމައުތަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރެއްވި މި ޒިޔާރަތަށް ހުރަސް އެޅުނީ، މިސްކިތުގެ އިސް ބޭފުޅަކު ތަގުރީރު ކުރައްވަމުން ގެންދަވަނިކޮށް އެތަނަށް އެއްވެ ތިބި ބައެއް މީހުން އިހުތިޖާޖު ކުރަން ފެށުމުންނެވެ.

އެތަނަށް އެއްވެ ތިބި ބައެއް މީހުން ވަނީ ބޮޑުވަޒީރަކީ "ނަސްލު ނައްތާލުމަށް ތާއީދުކުރާ ބޭފުޅެއް" ކަމަށް ބުނެ އަޑުގަދަކޮށް، އެތަން ދޫކޮށް ވަޑައިގަތުމަށް ގޮވާލާފައެވެ. އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަސްރަހު ހޫނުވެ، "ﷲ އަކްބަރު" ގޮވާ އަޑު އިވެއެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކަކު ވަނީ "އޭނާ މިތަނަށް އައީ ކީއްކުރަން؟ އޭނާ މިތަނުން ބޭރުކުރޭ! މިއީ ލަދުވެތި ކަމެއް،" ކަމަށް ބުނެ ހަޅޭއްލަވާފައެވެ.

މި ނުރުހުންތަކުގެ ތެރޭގައި، ބޭރަށް އެއްވެފައި އޮތް ބޮޑު ގާފިލާއާ ދުރުވުމަށްޓަކައި އަލްބަނީޒް ވަނީ މިސްކިތުން ނުކުމެވަޑައިގެންފައެވެ. ބޮޑުވަޒީރާ ދިމާލަށް ހަޅޭއްލެވި މީހަކު ފުލުހުން އެ ސަރަހައްދުން ދުރުކުރި ނަމަވެސް، އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމަށްފަހު ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޣައްޒާގެ ހަނގުރާމައާ މެދު އޮސްޓްރޭލިއާ ސަރުކާރުން ގެންގުޅޭ ސިޔާސަތާއި، އިސްލާމޯފޯބިއާ އިތުރުވަމުންދާތީ އޮސްޓްރޭލިއާގެ މުސްލިމް މުޖުތަމައު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ މިސްކިތް ހިންގާ ލެބަނީޒް މުސްލިމް އެސޯސިއޭޝަނުން ބޮޑުވަޒީރަށް ދައުވަތު ދިނުމަށް ނިންމި ނިންމުން ދިފާއުކުރަމުން ބުނީ، އިންތިޚާބުކޮށްފައިވާ ލީޑަރުންނާ މުއާމަލާތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. "ހަގީގީ ވާހަކަތަކެއް ދެއްކޭނީ ބައްދަލުވެގެން. އަދި އަޅުގަނޑުމެންގެ މުޖުތަމައުގެ އަޑު ސީދާ ގޮތެއްގައި އިއްވުމަކީ އެ މީހުންނަށް ލިބިގެންވާ ހައްގެއް،" އެ ޖަމިއްޔާއިން ބުންޏެވެ.

މި ހާދިސާއަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން އަލްބަނީޒް ވިދާޅުވީ، އެތަނަށް ހާޒިރުވި 30،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ގިނަ ބަޔަކު އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. އަދި މި އިހުތިޖާޖުތަކަކީ ބޮންޑައިގައި ހިނގި ގަތުލުއާންމަށްފަހު އަލަށް ތައާރަފުކުރި ގާނޫނުތަކުގެ ދަށުން، ހިޒްބުއް ތަހުރީރު ފަދަ ހަރުކަށި ޖަމާއަތްތައް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅުންހުރި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށި ފަލަސްޠީނުގެ ޖެނޮސައިޑާ ގުޅިގެން، މުޅި އޮސްޓްރޭލިއާގައި ޔަހޫދީންނާ ދެކޮޅުވެރިވުމާއި އިސްލާމޯފޯބިއާ އިތުރުވަމުންދާ ކަމުގެ ރިޕޯޓްތަކާއެކު، މުޖުތަމައުގެ ތެރޭގައި އޮތް ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހިއްސާ ކުރައްވާ!