ޔޫއޭއީން ހިންގި ސިއްރު ޖަލެއްގައި ލާއިންސާނީ އަނިޔާ ކުރި

ޔޫއޭއީން ހިންގި ސިއްރު ޖަލެއްގައި ލާއިންސާނީ އަނިޔާ ކުރި ކަމަށް ޔަމަނުގެ މީހަކު ކިޔައިދީފި އެވެ. މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައުި ހަޟަރަމައުތުގައި ޔޫއޭއީ އިން ހިންގި ޖަލުގެ ގޮޅިތަލުގައި ފާޚާނާއެއްވެސް ނުހުރެއެވެ. އަދި އެތަނުގެ ކުޑަކަމުން އެތާނގައި މީހަކަށް ޖާގަ ލިބެނީ ހަމައެކަނި ކޮށްޅަށް ހުރުމަށް އެކަންޏެވެ.

ޔަމަނުގެ އިރުމަތީގައި ޔޫއޭއީ އާއި ހަޟްރަމީ އެލީޓް ފޯސަސްއިން ހިންގި ސިއްރު ޖަލުގައި އޭނާއަށް ލިބުނު ބޮޑެތި އަނިޔާތަކުގެ ވާހަކަ ކިޔައިދިން މީހާ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި މިކަމުގެ ތަފްސީލު ދިނެވެ. އެއީ  އަލީ ހަސަން އަލީ ބަޚްތިޔާން އެވެ.

ބަޚްތިޔާން ބުނި ގޮތުގައި 2016 އާއި 2017 އާ ދެމެދު އޭނާ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް، ދެ އަހަރަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓިއެވެ. އެ މުއްދަތުގައި އޭނާ ބޮޑެތި އަނިޔާތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި އެމެރިކާއިން ގުއަންތަނާމޯގައި އަނިޔާ ކުރާ ގޮތަށް ބޯކޮޅު ވަތަށް އެލުވުމާއި، އޮރިޔާންކޮށް ތަޅައި އަނިޔާކުރުމާއި، ލޯ މަތީގައި ފޮތިގަނޑު ބަނުމުގެ އިތުރުން ފިނި ފެން ބޭނުންކޮށްގެން ގަންބައި އަނިޔާކުރުން ހިމެނޭ ކަމަށް އޭނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ސުވާލުކުރި މީހުން އޭނާއާ ދެކޮޅަށް އެއްވެސް ކުށެއް ނެތް ކަމަށް އެއްބަސްވި ނަމަވެސް، އޭނާ ބަންދުގައި ބެހެއްޓީ "އެމިރޭޓްސްގެ މީހުން އޭނާ ބަންދުކުރަން ބޭނުންވާތީ" ކަމަށް ބުނެފައިވެއެވެ. މި ހާދިސާގެ ވާހަކަތައް އަލުން ފެންމަތިވެފައި މިވަނީ ހަޟްރަމައުތުގެ ގަވަރުނަރު ސާލިމް އަލް ޚަންބަޝީ، ކުރިން ޔޫއޭއީގެ ސިފައިން ތިބި ތަންތަނުން ސިއްރު ޖަލުތަކާއި ގޮވާތަކެތި ފެނިފައިވާ ކަމަށް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

ޔަމަނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ރައްޔާން އެއާޕޯޓް ފަދަ ތަންތަނުން ފެނުނު ގޮވާތަކެއްޗަކީ އާންމުކޮށް ހަތިޔާރު އެޅި ޖަމާއަތްތަކުން ބޭނުންކުރާ ފަދަ ތަކެއްޗެވެ. އަދި ޔޫއޭއީގެ ސިފައިންނާ ގުޅުންހުރި މިފަދަ 4 ސިއްރު ޖަލެއް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

ޔޫއޭއީން ވަނީ ދެކުނުގެ ވަކިވެގަންނަން މަސައްކަތްކުރާ ގްރޫޕްތަކަށް ހަތިޔާރު ފޯރުކޮށްދޭން އުޅެފައެވެ. އަދި ސައޫދީ ދެކޮޅަށް ޔަމަނުން ހަމަލަ ދިނުމަށް ހިތްވަރު ދީ ހަދާފައެވެ. އެވާހަކަ ޔަމަނު މީހުން ވަނީ ކިޔައިދީފައެވެ. މިކަމާ ގުޅިގެން ސައުދީގެ އެދުމަށް ޔަމަނު ސަރުކާރުން ވަނީ ވަގުތުން ޔޫއޭއީ ޔަމަނުން ބޭރުވުމަށް އަންގައި ވަގުތުން ބޭރުކޮށްލައި އެމީހުންގެ ހަތިޔާރުތަކަށް ބޮން އަޅާފައެވެ. އޭގެ އިތުރަށް ސައޫދީން އެދިގެން ސޯމާލިއާއިން ވަނީ ޔޫއޭއާއެކު ވެފައިވާ ހުރިހައި އެއްބަސްވުމެއް ބާޠިލުކޮށްފައެވެ. މިހާރު ސައޫދީއާ ދެކޮޅަށް ނުސީދާކޮށް ޔޫއޭއީން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!