ބަރަކާތްތެރި ރަމަޟާން މަހަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ، އަޅުކަމާއި އުފާވެރިކަމުގެ މަހެކެވެ. މި މާތް މޫސުމާ ދިމާކޮށް ރައްޔިތުންނަށް ދިމާވާ އިގްތިސާދީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ރޯދަ މަހަށް ވެސް ސަރުކާރުން ހާއްސަ ހަދިޔާއެއް ބެހުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއަކީ ރައްޔިތުންގެ މުހުތާދުތައް ދެނެގަނެ، އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ހާމަކުރެއްވި ގޮތުގައި، މި އަހަރުވެސް ކޮންމެ ދިވެހި ގޭބިސީއަކަށް ސަރުކާރުން 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާކުރާނެއެވެ. މި މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ޓާސްކު ފޯހެއް އެކުލަވައިލައި، ބެހުމުގެ މަސައްކަތް 24 ޖަނަވަރީ 2026 ގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން ރައްޔިތުންނަށް ފޯރުކޮށްދެވޭ ވަރަށް އަގުހުރި އެހީތެރިކަމެކެވެ.
ވަޒީރު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ 118،673 މަސްދަޅު ކޭސް މިހާރު ތައްޔާރު ކުރެވިފައިވާއިރު ދިވެހި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.
މި މަޝްރޫއުގެ ދަށުން ރޯދަ ހަދިޔާ ދޫކުރާނެ ގޭބިސީތައް ވަނީ ދެ ބަޔަކަށް ބަހާލެވިފައެވެ. އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކުގައި ގޭބިސީއެއްގެ ގޮތުގައި ބަލަނީ ވަކިން ކައްކައި ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއެކެވެ. ނަމަވެސް މާލޭ ސަރަހައްދުގައި ގޭބިސީގެ ގޮތުގައި ބަލަނީ ކޮންމެ ޑޮމެސްޓިކް ކަރަންޓު މީޓަރެކެވެ. މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މުޅި ރާއްޖޭގައި ޖުމުލަ 118,673 ގޭބިސީއަކަށް މި ހަދިޔާ ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56,918 ގޭބިސީއާއި މާލޭ ސަރަހައްދުގެ 61,755 މީޓަރު ހިމެނެއެވެ.
މާލޭ ސަރަހައްދުގައި މި ހަދިޔާ ބެހުމަށްޓަކައި ޖުމުލަ 15 މަރުކަޒެއް ގާއިމުކުރެވޭނެއެވެ. އެއީ މާލޭގައި 8 މަރުކަޒު، ހުޅުމާލޭގައި 6 މަރުކަޒު އަދި ވިލިމާލޭގައި 1 މަރުކަޒެވެ. މި މަސައްކަތް ލުއިފަސޭހަކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 'roadhahadhiya.mv' ގެ ނަމުގައި ހާއްސަ ޕޯޓަލްއެއް ތައާރަފުކުރާނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު 22 ޖަނަވަރީގައި ހުޅުވާލެވޭނެއެވެ. އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށްދާނީ އެސްޓީއޯއިން ތަކެތި ފޯރުކޮށްދިނުމުން، ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ.
"މިކަން ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ފަރާތައްތަކެއް ގުޅިގެން. މިފުކޯއިން ޕްރޮޑަކްޝަން މަސައްކަތް ކޮށްދެއްވި. އެސްޓީއޯއިން މި މަސައްކަތުގެ ޓްރާންސްޕޯޓާއި ލޮޖިސްޓިކްސް ހަމަޖައްސަވައިދެއްވާ!" މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯވިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
ހުޅުމާލެ- ފޭސް 1؛
- ޢުމަރު ޒާހިރު ބިލްޑިން
- ޕޮލްކޯ ޓަވަރ ތިރި
- މުޙައްމަދު ޤާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2؛
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފްލެޓް
ވިލިމާލެ؛
- ވެމްކޯ ސައިޓް
ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި 'ރޯދަ ހަދިޔާ' މަޝްރޫއަކީ ރަމަޟާން މަހުގެ ބަދިގޭގެ ހަރަދުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. ހާއްސަކޮށް މަސްދަޅަކީ ދިވެހިންގެ ކެއުމުގައި ކޮންމެހެން ބޭނުންވާ އެއްޗަކަށް ވާއިރު، ކޮންމެ ގެއަކަށް ކޭހެއް ލިބުމަކީ ރައްޔިތުންގެ ޖީބަށް ލުއިވެ، އުފާވެރިކަމާއެކު ރޯދަ މަހަށް ތައްޔާރުވުމަށް ލިބޭ ބޮޑު ހިތްވަރެކެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދެއެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯ ޙަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ޤާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ ޝާމިލުވެއެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅުއްވޭނެއެވެ. މިކަމަށް ޚާއްޞަކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.







