59 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް މަސްޖިދުލްއަގްސާއިން ބަންގީގެ އަޑު ކަނޑުވާލައިފި

59 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، މަސްޖިދުލް އަޤްޞާ އިން ބަންގީގެ އަޑު ޔަހޫދީން ކަނޑުވާލައިފިއެވެ.

މި އަހަރު، ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހާއި، ލައިލަތުލްޤަދްރި ވިލޭރެޔާއި، ފަހު ދިހައެއް ހިމެނޭހެން ގިނަ ދުވަސްތަކަކަށް މިސްކިތް އެއްކޮށް ބަންދުކޮށްފައި ބަހައްޓާފައި ވެއެވެ.

މަސްޖިދުލްއަޤްޞާގައި ފިޠުރު ޢީދު ނަމާދު ކުރުމަށްވެސް ހުއްދައެއް ނުދިނެވެ.
މީގެ ސަބަބުން، މުސްލިމުންގެ ފުރަތަމަ ޤިބުލައިގައި އަޅުކަން އަދާ ކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ސޮލީބީންނާއި ސަހުޔޫނީންގެ ޓެރަރިސްތް ހަމަލަތައް ފެށުމާއެކު މަސްޖިދުލްއަގްސާއަށް މީހުން ވަނުން ޔަހޫދީން ވަނީ މަނާކޮށްފައެވެ.

ޔަހޫދީންގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން މަސްޖިދުލް އަޤްޞާގެ ޚަޠީބު އައްޝައިޚް ޢިކްރިމާ ޞަބްރީ ވަނީ މުސްލިމުން އަޤްޞާއަށް ދަތުރުކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ޙަރަމްފުޅާ "ވީހާވެސް ކައިރި ހިސާބެއްގައި" ނަމާދުކުރުމަކީ މުސްލިމުންނަށް މިހާރު ވާޖިބެއް ކަމަށެވެ.

އަދި ގުދުސްގެ ރައްޔިތުންނާއި، 1948 ގެ ބިންތަކުގައި ތިބި މީހުންނާއި، ހުޅަނގު އައްސޭރީގެ ރައްޔިތުން ގިނަ އަދަދަކަށް މިސްކިތުގެ ވަށައިގެންވާ ސަރަޙައްދުތަކަށާއި، ދޮރާށިތަކުގެ ކައިރިއަށާއި، އެތަނަށް ދެވެން ހުރި މަގުތަކަށް ޖަމާވެ ނަމާދުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މުސްލިމުންގެ ފުރަތަމަ ޤިބުލައަށް ކުރިމަތިކޮށްފައިވާ ޔަހޫދީ ޙިޞާރު ނައްޓާލުމަށްޓަކައި މުސްލިމުން އަދާކުރަންޖެހޭ ދީނީ އަދި ޤައުމީ ވާޖިބެކެވެ.

ހިއްސާ ކުރައްވާ!