ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ.
ކުޑަހުވަދޫގައި މި ހުޅުވުނު ޑަޔަލިސިސް ސެންޓަރުގެ ސަބަބުން އެ ސަރަހައްދުގައި ކިޑްނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ގިނަ ބަލިމީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ލިބިގެންދާނެއެވެ. މިއީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން، ކޮންމެ ހަފްތާއަކު ދޭއް ނުވަތަ ތިން ދުވަހު މެޝިންގެ އެހީގައި ހޯދަންޖެހޭ މުހިންމު ފަރުވާއެކެވެ. ޑަޔަލިސިސް ހެދުމަށް ކޮންމެ ފަހަރަކު ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުގެ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 11 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް އަލަށް ފޯރުކޮށްދެވިފައި ވެއެވެ.
- މީގެ ކުރިން މާލެ ސަރަހައްދުގައި މި ޚިދުމަތް ލިބެމުންދިޔައީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.
- ރާއްޖޭގެ ގިނަ ރީޖަނަލް ހޮސްޕިޓަލްތަކާއި، ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންވެސް މިހާރު މި ޚިދުމަތް ލިބެން ހުރެއެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއް މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ ޤާއިމްކޮށްފައެވެ. ކުޑަހުވަދޫގައި މި ފެށުނު ޚިދުމަތަކީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.







