އިއާދަކުރަނަވި ހަކަތައިގެ އުފެއްދުންތެރިކަން 110 މެގަވޮޓަށް އިތުރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގައި އިއާދަކުރަނަވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ ނިސްބަތް 53 މެގަވޮޓުން 110 މެގަވޮޓަށް އިތުރުކޮށްފިއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ހޯދިފައިވާ ބޮޑު ކުރިއެރުމެކެވެ.

ކަރަންޓު އުފެއްދުމުގައި ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރަށްރަށުގެ ކަރަންޓު ވިއުގައިގެ ހަމަޖެހުން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 101 ރަށެއްގައި ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމު ވަނީ ގާއިމުކޮށް ނިމިފައެވެ. މި މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އިންގިލާބީ ބަދަލަކަށް މިސްރާބު ޖަހާފައިވާ ކަމުގެ ހެއްކެކެވެ.

ދިވެހި ދައުލަތުން ކޮންމެ އަހަރަކު ޑީސަލް އެތެރެކުރުމަށް 250 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދުކުރެއެވެ. އަދި ޑީސަލް ގަންނަ އަގަށްވުރެ ދެބައިކުޅަ އެއްބައި ހެޔޮ އަގުގައި ސްޓެލްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކަށް ފޯރުކޮށްދިނުމުގެ ސަބަބުން، ކަރަންޓު ސަބްސިޑީގެ ގޮތުގައި ބިލިއަން ރުފިޔާ ބަޖެޓުން ހަރަދުވާކަން ފާހަގަކުރެވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އަލަށް ގާއިމުކުރެވުނު ހައިބްރިޑް ނިޒާމުތަކުގެ ސަބަބުން ޑީސަލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. "މި ނިޒާމުގެ ސަބަބުން ރަށްރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގައި ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވިގެންދާނެ،" އެ ވުޒާރާއިން ބުނެފައިވެއެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނަވި ހަކަތައަށް ބަދަލުކުރުމެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ 10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބެހެއްޓުމުގެ އަމަލީ މަސައްކަތްތައް ދަނީ ކުރިއަށެވެ.

މި ހުރިހާ މަޝްރޫއުތަކެއް ނިމުމުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތިމާވެށީގެ އަމާޒުތަކަށް ވާސިލުވުމަށް މަގުފަހިވެ، އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!