ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފި؛ އަންނަ މަހު ތޮއްޑޫއަށްވެސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ނ. ވެލިދޫއާއި މާލެއާ ދެމެދު ސީޕްލޭން ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަކީ ކަނޑުގެ ދަތުރުފަތުރުގެ އިތުރުން ވައިގެ މަގުން ރަށްތައް ގުޅާލުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ މުހިއްމު ބައެއް ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާފައި މިފަދަ އޮޕަރޭޝަނެއް ހިންގުމަކީ ޚަރަދު ބޮޑު މަސައްކަތެއް. އެހެންނަމަވެސް ތަރައްގީގެ ގޮތުންނާއި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން، އުމްރާނީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ކުރުމުގައިވެސް ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިއްމު މަސައްކަތެއް. ކަނޑުގެ މަގުން އޮންނަ ވިއުގައިގެ އިތުރަށް ވައިގެ މަގުން ވިއުގަ އިތުރުކުރެއްވުމަކީވެސް ރައީސްގެ ޕޮލިސީގެ ދަށުން ވަރަށް އިސްކަންދެއްވައިގެން ކުރައްވާ މަސައްކަތްޕުޅަކަށްވާތީ މިކަންކަން ކުރެވިގެންމިދަނީ،" އަމީނު

ވަޒީރު އަމީނު އިތުރަށް ހާމަކުރެއްވި ގޮތުގައި، ސަރުކާރާއި ޤައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އއ. ތޮއްޑޫއާއި މާލެއާ ދެމެދު ސީޕްލޭން ދަތުރުތައް ފެށިގެންދާނެއެވެ. މިހާރުވެސް ބ. އަތޮޅުގެ ދެ ރަށަކަށް މޯލްޑިވިއަންއިން ސީޕްލޭން ދަތުރުތައް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީ ގަމަކީ މަރުކަޒެއް ކަމުގައި ބަލައިގެން އައްޑޫއާއި ހުވަދު އަތޮޅުގެ ހަތަރު ބައި ގުޅައިލުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން އައްޑޫއާއި ހުވަދޫގެ ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތްތަކަށް ހެޔޮ ބަދަލެއް އަންނާނެކަން ޔަގީން ކުރަން" އަމީނު

ވައިގެ ދަތުރުފަތުރުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށްވެސް އަމީނު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!