ފޮޓޯ: އެމްއެމް
ފޮޓޯ: އެމްއެމް

މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް ނެރުއްވީ ބާރު ދުވެލީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާތީ: ރައީސް

މާލޭގެ މޭޔަރުކަމަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް ނެރުއްވީ، މާލޭގެ ކުރިއެރުމާއި ތަރައްޤީ އެންމެ ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ މައި ޖަގަހާގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޫސާ ޢަލީ ޖަލީލް މި މަޤާމަށް ނިކުންނެވުމަށް އެމަނިކުފާނު އެދިވަޑައިގަތީ ސަރުކާރުން މާލޭގެ ރައްޔިތުންނަށްޓަކައި ފަށާފައިވާ މަސައްކަތްތަކާއި ވެވަޑައިގެންފައިވާ ވަޢުދުތައް އަމާނަތްތެރިކަމާއެކު ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާނެ މޭޔަރަކު ބޭނުންފުޅުވާތީ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މޫސާ ޢަލީ ޖަލީލަކީ ޤައުމީވަންތަ އިޚްލާސްތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، އެމަނިކުފާނުގެ އެދިވަޑައިގަތުން ޤަބޫލުފުޅު ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންނަށް އެންމެ ބޮޑު ދަތިކަމަކަށް ވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ދޭން ނިންމި ފްލެޓްތަކާއި ގޯތިތައް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި އޭޕްރީލް މަހުގެ ތެރޭގައި އެތަނުން ދޫކުރުމަށް ޕްލޭންކޮށްފައިވާ ގޯތިތައް ކަނޑައަޅައި ނިންމައި، ވަގުތީ ލިސްޓު އާންމުކުރާނެ ކަމަށްވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.

މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ވިންދާ އިޙްސާސްތައް ގާތުން ދެނެގަންނަނާނެ ސަރުކާރެެއްކަމަށާއި،ރައްޔިތުންނާއިި ސަރުކާރާ ދެމެދަށް އިދިކީލަ ވިސްނުންތައް ވެއްދުމުގެ ފުރުޞަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ސިޔާސީ ޖަގަޑާހަދައި ހުރަސްތައް އެޅުނަށް ނުދިނުމަށް އެދިވަޑައިގަތެވެ. ޤައުމަށް މިހާރު ހަމަޖެހުން ގެނެވިފައިވާތީ، ރައްޔިތުންނާ ސަރުކާރަށް ހުރަސް އަޅައި ޤައުމު ހަލަބޮލިކުރާނެ އެއްވެސް ބަޔަކަށް ޖާގަ ނުދީ، ސަރުކާރާއެކު އެއްބާރުލުންދޭނެ ކެނޑިޑޭޓުން ބަލައިގަނެ އިންތިޚާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބައްލަވާފައިވާނެ ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށްވެސް މާލޭގެ ގޭގެއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"މިދިޔަ ސަރުކާރުން ކަނޑުފަޅުން ދިން ގޯތިތައް ހިއްކާ ނިންމާ ޙަވާލުކުރުން އެދަނީ ހަލުވިކަމާއެކު ކުރިއަށް.
ހުޅުމާލޭ ތިންވަނަ ފިޔަވަހި މިހާރު އެއޮތީ ހިއްކާ ނިމިފައި މިހާރު.
ގިރާވަރުފަޅު، ގުޅީފަޅުން ގޯތިދިނުން ނިމި ގޯތިތައް ހަވާލުކުރުން ދަނީ ކުރިއަށް.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެ ދެ ޑްރެޖަރު މިހާރު އެއޮތީ އެތާ ކައިރީގައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް (ޑަބްލިއުޑީސީ) ކުރިމަތިލާފައިވާ ފަރާތްތަކަކީވެސް ސަރުކާރަށް އެއްބާރުލުން ދޭނެ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު އެ ކޮމިޓީގެ އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކޮށް، ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް ބޭފުޅަކަށް ހަދައި، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ ބަޔަކަށް ހެދުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާއިޝަތު އަލައިކާ އަދުނާނަކީ އެ މަޤާމަށް އެންމެ ޤާބިލް ބޭފުޅާކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އޭނާ އެ މަޤާމަށް ވާދަކުރައްވަނީވެސް އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގަންނަވަމުންނެވެ.

ހިއްސާ ކުރައްވާ!