މިހާރު ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައި އީރާނަށް ތާއީދުކުރާ ކަމުގެ ތުހުމަތުގައި އަލްޖަޒީރާގެ ދެ އެނަލިސްޓުން ކަމަށްވާ ފާތިމާ އައްސަމާދީ އާއި ސައީދު ޒިޔާދު ގަތަރުން ހައްޔަރުކޮށްފިއެވެ.
ފާތިމާ އައްސަމާދީ އަކީ އަލްޖަޒީރާ ސްޓަޑީޒް ސެންޓަރުގެ ސީނިއާ ރިސާޗަރެއްގެ އިތުރުން އީރާނުގެ ކަންކަމަށް ޚާއްސަ މާހިރެކެވެ. އޭނާ ވަނީ ތެހެރާންގެ އައްލާމާ ތަބާތުބާއީ ޔުނިވާސިޓީން ޑޮކްޓަރޭޓް ހާސިލްކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އީރާނުގެ ކުރީގެ މަޖިލިސް ރައީސް އަލީ ލާރީޖާނީއަށް ތައުރީފުކޮށް އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މިހާރު އޭނާގެ އެކްސް އެކައުންޓް ވަނީ ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން، ސީރިއާގެ ޝެއިޚު ޖައުލާނީ ރައީސްގެ ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން މީގެ ކުރިން އަލްޖަޒީރާ އިން ވަކިކޮށްފައިވާ ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ މުނާ ހަވާ ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި މީހުން ހައްޔަރު ކުރުމާ ގުޅޭގޮތުން ގަތަރުގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.





