ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމުގެ ދެވަނަ ބުރުގެ ބައިވެރިން ތަމްރީނަށް ފުރާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން މިއަދު ޅ. މާފިލާފުށްޓަށް ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޖުމްލަ 350 ޒުވާނުންނާއެކު ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ބައިނަލްއަޤްވާމީ ތަޢުލީމާބެހޭ ދުވަހުގައި ފެށިގެން ދިއުމަކީ ލިބިވަޑައިގަންނަވާ ޚާއްޞަ އުފަލެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މި ތަމްރީނުގެ ސަބަބުން ޒުވާނުންނަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހަށިހެޔޮ، ދުޅަހެޔޮ ބަޔަކަށް ވެގެންދާނެ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕްގެ އިތުރުން ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އަދި ފެތުމާއި މޫދަށް އަހުލުވެރިކުރުވުން ފަދަ މުހިންމު ހުނަރުތައް އުނގަންނައިދެވޭނެއެވެ.
Second Cohort of Maldives National Service Program Departs for Training
"މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ ޒުވާނުންތަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އިޢުލާނުކުރެއްވި މަޝްރޫޢެކެވެ. ދެވަނަ ބުރުގައި ފުރުސަތު ދީފައިވަނީ ފުރަތަމަ ބުރަށް ކުރިމަތިލި 1200 އަށްވުރެ ގިނަ ޒުވާނުންގެ ތެރެއިން ނަންނޯޓު ކޮށްފައިވާ ތަރުތީބުންނެވެ.
މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއުއާއި، މެޑިކަލް ޓެސްޓުތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ ބުރުގައި ދަސްވެނިވި 344 ޒުވާނުންގެ ތެރެއިން ބައެއް ބައިވެރިން މިހާރު އަންނަނީ ބ. ކިހާދޫގައި ފަންނީ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ތަމްރީނަށް ފުރި ހުރިހާ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.







