ރައްޔިތުންނަށްޓަކައި މަސައްކަތްކުރައްވާ ރައީސަކާއެކު މަސައްކަތްކުރާނެ ކައުންސިލަކަށް ވޯޓު ދިނުން މުހިއްމު: ސާޖިދާ

މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ޓެކިޓުގައި ވާދަކުރައްވާ ކެންޑިޑޭޓާއި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ލޯކަލް ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކުގެ އެއްބާރުލުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.

"މިފަދަ ވެރިއެއް ވަކި ސިޔާސަތުތަކަކާއެކު ވަޑައިގެން ރައްޔިތުންނަށްޓަކައި އެތައް މަސައްކަތްތަކެއް ކޮށްދެއްވުމަށް ރެއާއި ދުވާލު ނުނިދައި މިއަދުވެސް މަސައްކަތްކުރާ ވެރިއަކާއެކީގައި މަސައްކަތްކުރާނެ ކައުންސިލަރުންތަކެއް ޑަބްލިއުޑީސީއެއް މޭޔަރެއް ހޮވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް،" ސާޖިދާ

މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ މާލޭގެ ތަރައްގީއަށް ރައީސް ޑރ. މުޢިއްޒު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ހާއްސަކޮށް، މާފަންނު ސަރަހައްދުގެ ރަސްފަންނާއި ފުޑް ކޯޓު ސަރަހައްދަށް ގެނެވުނު ބަދަލުތަކަކީ ރައީސްގެ ހައުސިން މިނިސްޓަރު ކަމުގައާއި މޭޔަރު ކަމުގައި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ސާޖިދާ މުޙައްމަދުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ބާރުއެޅުއްވީ، ރެއާއި ދުވާލު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވާ ވެރިއަކާއެކު، އެއްބާރުލުންދޭނެ ކައުންސިލަރުންނާއި މޭޔަރަކު ހޮވުމުގެ މުހިންމުކަމުގެ މައްޗަށެވެ. ސަރުކާރާ ދެކޮޅު ވިސްނުމެއްގައި ތިބޭ ބަޔަކު މަގާމުތަކަށް އަތުވެއްޖެނަމަ، އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅި، ރައްޔިތުންނަށް ލިބެންޖެހޭ ފައިދާތައް ނުލިބިދާނެކަމުގެ ބިރު އޮތްކަން އެކަމަނާ ހާމަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ބަޔަކު ތިބުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ރައީސް ޑރ. މުޢިއްޒު އުނދަގޫ ނިންމެވުންތަކެއް ނިންމަވަމުންދާކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. މިފަދަ ހާލަތެއްގައި ސަރުކާރަށް އެހީތެރިވެދޭނެ ބަޔަކު ކައުންސިލުތަކުގައި ނެތްނަމަ، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާނެ ކަމަށް އެކަމަނާ އިންޒާރު ދެއްވިއެވެ. ކައުންސިލަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާ ކަމަށްވީތީ، ރައްޔިތުންގެ އަޑު ސަރުކާރާ ހަމައަށް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑެވެ.

މާލެ ސިޓީގެ މޭޔަެރުކަމަށް ކޮންގުރެސް ޕާޓީން ވާދަކުރައްވާ މޫސާ އަލީ ޖަލީލު ނޮވެންބަރު 3 1988 ގައި ވެވަޑައިގެންނެވި ގުރުބާނީއާ މެދުވެސް ސާޖިދާ ވާހަކަ ދެއްކެވިއެވެ.

"އެފަދަ ބޭފުޅެއްގެ ހިތުގައި ގައުމަށްޓަކައި އޮންނާނެ ލޯތްބާއި، އެފަދަ ބޭފުޅަކު ގައުމަށްޓަކައި ކޮށްދެއްވާނެ މަސައްކަތްތައް އަޅުގަނޑުމެން ކޮންމެ މީހަކު ވިސްނަންޖެހޭނެ. އެފަދަ ބޭފުޅަކު ގައިމުވެސް ގައުމަށް ޣައްދާރުނުވާނެކަން އެނގެންޖެހޭ،" ސާޖިދާ

ސާޖިދާ މުޙައްމަދުގެ ވާހަކަފުޅުން އެނގިގެން ދިޔައީ ގައުމީ ތަރައްގީގައި ހުރިހާ ފަންތިއެއްގެ މަސްއޫލުވެރިންގެ އެއްބާރުލުން ބޭނުންވާ ކަމެވެ. ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާނެ މަންދޫބުން އިންތިހާބުކުރުމަކީ، ގައުމަށް ކުރިއެރުމާއި ބާއްޖަވެރިކަން ލިބިގެންދާނެ ކަމެއްކަން އެކަމަނާގެ ވާހަކަފުޅުން ކަށަވަރުވެގެންދެއެވެ.

First Lady Urges Voters to Back Pro Government Candidates in Local Council Races

ހިއްސާ ކުރައްވާ!