އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް އަދި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫއަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. ރައީސްގެ މެސެޖުގައި އިންޑިއާގެ ރައްޔިތުންނަށްވެސް ވަނީ މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދުވަހަކީ އިންޑިއާގެ މިނިވަންކަމާއި ޑިމޮކްރަސީ އަދި ހެޔޮވެރިކަމުގެ އަސާސްތައް ނެގެހެއްޓުމަށް އެ ޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތާއި އެކަމަށް އޮތް ވަރުގަދަ އަޒުމް ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. މީގެއިތުރުން، ރާއްޖެއާއި އިންޑިއާގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރުންމަތީ ދެމިއޮތުމަށް ރާއްޖެއިން އަބަދުވެސް އެދޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ، 1950 ވަނަ އަހަރު އެ ޤައުމުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅިގެންނެވެ.







