އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައިސީޖޭ) އަށް ހުށަހަޅާފައިވާ ނަސްލު ނައްތާލުމުގެ މައްސަލައިގައި އިސްރާއީލުގެ ދިފާއުގައި ވަކާލާތު ކުރުމަށް ނިންމާފައި އޮތް އޮތުން މުރާޖައާކޮށް ޖަރުމަނުވިލާތުން އެކަން އަނބުރާ ގެންގޮސްފިއެވެ. ޖަރުމަނުން މިހާރު ނިންމާފައިވަނީ ޔަހޫދީ ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ގާނޫނީ މައްސަލަތަކަށް ސަމާލުކަން ދިނުމަށެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖޯސެފް ހިންޓަސީހާ ވިދާޅުވީ، ޖަރުމަނަކީ މިހާރު އައިސީޖޭގައި ހިނގަމުންދާ މައްސަލައެއްގެ އެއް ފަރާތް ކަމަށްވާތީ، އިސްރާއީލުގެ މައްސަލައިގެ ތެރެއަށް ވަނުމުގެ އިޚްތިޔާރު ބޭނުން ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ބަދަލުގައި ޖަރުމަނުން އިސްކަންދޭނީ 2024 ވަނަ އަހަރުގެ ބަހާރު މޫސުމުގައި ނިކަރާގުއާއިން އެ ގައުމާ ދެކޮޅަށް ހުށަހެޅި މައްސަލައަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމުގެ މައްސަލަ ހުށަހެޅީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ ދުވަސްވަރު ޖަރުމަނުން ވަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ، އިސްރާއީލުގެ ދިފާއުގައި މައްސަލައިގެ ތެރެއަށް ވަންނާނެ ކަމަށް އިއުލާންކޮށްފައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ މާޗް މަހު ނިކަރާގުއާއިން ވަނީ ޖަރުމަނުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީގެން ޣައްޒާގައި ހިންގާ ގަތުލުއާންމަށް އެހީތެރިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައެވެ.
ނިކަރާގުއާއިން ކުރާ ތުހުމަތުތައް ޖަރުމަނުން ވަނީ ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. އިސްރާއީލާ ދެކޮޅަށް ކުރެވޭ ނަސްލު ނައްތާލުމުގެ ތުހުމަތުތަކާ މެދު ޖަރުމަނުން މިހާރު ދެކޭ ގޮތާ ބެހޭގޮތުން ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވީ، އެ މައްސަލައަކީ މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމަށާއި، ކޯޓުގެ ނިންމުމަށް އިންތިޒާރު ކުރާ ކަމަށެވެ.
ޖަރުމަނުން މި ނިންމުން ނިންމި ނަމަވެސް، އެމެރިކާއިން އަދިވެސް ދަނީ އައިސީޖޭގައި އިސްރާއީލުގެ ދިފާއުގައި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ސްޕެއިން، ނެދަލޭންޑްސް އަދި އަޔަލޭންޑް ހިމެނޭ ގޮތަށް ދިހައަކަށް ވުރެ ގިނަ ގައުމުތަކުން ވަނީ މި މައްސަލައިގެ ތެރެއަށް ވަދެފައެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ގައުމުތަކުގެ ވިސްނުން އެމެރިކާއާ ތަފާތެވެ.
ދެކުނު އެފްރިކާގެ ދައުވާގައި ބުނެފައިވަނީ، 7 އޮކްޓޯބަރު 2023 ގައި ކޮމާންޑަރު ޝަހީދު ޔަހުޔާ ސިންވާރުއާއި ބައިވެރިން ފެށި އަޤްޞާ ޠޫފާނަށް ފަހު ޔަހޫދީން ހިންގި އަމަލުތަކަކީ ފަލަސްތީނު މީހުން ނައްތާލުމަށް އަމާޒުކޮށްގެން ހިންގި އަމަލުތަކެއް ކަމަށެވެ.
އދން ވަނީ މިއީ ފަލަސްޠީނުގެ ޖެނޮސައިޑް ކަމަށް ނިންމާފައެވެ.






