ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދޮޅުމަސް ދުވަހުގެ ޗުއްޓީއަށް ފަހު މިއަދު އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
ރާއްޖޭގެ 219 ސްކޫލެއްގައި މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ޖުމްލަ 80,715 ދަރިވަރުން ތަޢުލީމު ހާޞިލްކުރަން ފަށާނެއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި، ޓީޗަރުންނަށާއި، ބެލެނިވެރީންގެ އިތުރުން ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ. އަދި ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި، ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.
މިއަހަރަކީ އަހަރުތަކަކަށް ފަހު ދިރާސީ އަހަރުގެ ކިޔެވުން ޖަނަވަރީ މަހު ފެށުނު ފުރަތަމަ ފަހަރެވެ. ކުރީގެ ސަރުކާރުން ގެނައި ބަދަލާއެކު އަހަރުގެ މެދުތެރޭގައި ކިޔެވުން ފަށަމުން ދިޔަ ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގެ ބޭފުޅުންގެ މަޝްވަރާއާއެކު، އަލުން ޖަނަވަރީ މަހު ކިޔެވުން ފަށައި ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭ ގޮތަށް ބަދަލުކުރައްވާފައެވެ.







