އީރާނުން އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒު ކަމަށްވާ ޑިމޯނާއަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އަލްޖަޒާއިރުގެ ގިނަ ބަޔަކު ދަނީ އުފާފާޅުކުރަމުންނެވެ. މި އުފާފާޅުކުރުންތަކުގެ ފަހަތުގައި ވަނީ 1950 ގެ އަހަރުތަކާ ގުޅިފައިވާ ހިތްދަތި ތާރީޚީ ހާދިސާތަކެކެވެ.
އިސްރާއީލުގެ ނަގަބް ސަހަރާގައި ޑިމޯނާ ނިއުކްލިއަރ މަރުކަޒު ބިނާކޮށްދިނީ 1950 ގެ އަހަރުތަކުގައި ފަރަންސޭސިވިލާތުން ނެވެ. އިސްރާއީލުން ނިއުކްލިއަރ ބޮން އުފެއްދުމަށްފަހު، އެ ބޮން ފުރަތަމަ ޓެސްޓުކުރުމަށް ނިންމީ އޭރު ފަރަންސޭސި އިސްތިއުމާރުގެ ދަށުގައި އޮތް އަލްޖަޒާއިރުގެ ސަހަރާގައެވެ.

ފަރަންސޭސިންނާއެކު އިސްރާއީލުގެ މާހިރުން އަލްޖަޒާއިރަށް ދަތުރުކޮށް، އެ ގައުމުގެ ރެގާން ސަހަރާގައި ނިއުކްލިއަރ ބޮން ގޮއްވާލިއެވެ. މި ބޮން ޓެސްޓު ކުރާއިރު އިންސާނުންނަށް އެއިން ކުރާނެ ގެއްލުން ބެލުމަށާއި ނިއުކްލިއަރ ރޭޑިއޭޝަނުން އިންސާނުންގެ ހަށިގަނޑަށް ކުރާ އަސަރު ދެނެގަތުމަށްޓަކައި، ބޮން ގޮއްވާލި ސަރަހައްދުގައި ބޭތިއްބީ އަލްޖަޒާއިރުގެ މުސްލިމުންނެވެ. މި މުސްލިމުންނަކީ އަލްޖަޒާއިރު މިނިވަން ކުރުމަށް ހަނގުރާމަ ކުރަނިކޮށް ހައްޔަރުކުރި މުޖާހިދުންނެވެ. އެމީހުން ދަނގަނޑު ތަކުގައި ބަނދެފައި ބައިތިއްބައިގެން ފަރަންސޭސިންނާއި ޔަހޫދީން ނިއުލްކިއަރ ޓެސްޓް ކުރިއަށް ގެންދިޔައީއެވެ.
މި ނިއުކްލިއަރ ޓެސްޓުތަކުގެ ސަބަބުން އަލްޖަޒާއިރުގެ އެ ސަރަހައްދަށް ލިބުނު ގެއްލުންތައް މިއަދާ ހަމައަށްވެސް ދަނީ ފެންނަމުންނެވެ. އެ ސަރަހައްދުގައި ފެތުރިފައިވާ ރޭޑިއޭޝަންގެ ސަބަބުން މިހާރުވެސް އުފަންވާ ކުދިންގެ ކިބައިގައި ނުކުޅެދުންތެރިކަމާއި އެކި ކަހަލަ ބަލިތައް ހުންނަކަން ފާހަގަކުރެވެއެވެ.
އަލްޖަޒާއިރުގެ ގިނަ ބަޔަކު ދެކޭގޮތުގައި އީރާނުން ޑިމޯނާއަށް ދިން ހަމަލާއަކީ މީގެ އެތައް އަހަރެއް ކުރިން އިސްރާއީލުން އަލްޖަޒާއިރުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާގެ ބަދަލު ހިފުމެކެވެ. "އީރާނުން އެ ބަދަލު ހިފައިފި" ކަމަށް ބުނެ އަލްޖަޒާއިރުގެ ގިނަ ބަޔަކު ދަނީ އީރާނަށް ޝުކުރު އަދާކުރަމުންނެވެ.






