އެހެން ބާރުތަކަށް ދެން ޗައިނާ ބިރު ގަންނުވާލެވޭނެ ކަމަށް ޗައިނާއިން އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވޭ

ދެކުނު ޗައިނާ ކަނޑާއި ޓަސްމަން ކަނޑުގައި ޗައިނާއިން ހިންގާ އަސްކަރީ ހަރަކާތްތަކުން ދޭހަކޮށްދެނީ، ދުނިޔޭގެ ބޮޑެތި ބާރުތަކަށް ދެން ފަސޭހައިން ޗައިނާ ބިރު ނުގަންނުވާލެވޭނެ ކަން ކަމަށް އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ ޗައިނާގެ ސަފީރު ޝިއާއޯ ކިއަން ވިދާޅުވެއްޖެއެވެ. މިއީ މަދުން ނޫނީ ނުފެންނަ ފަދަ ހާއްސަ އިންޓަވިއުއެއްގައި އޭނާ ދެއްކެވި ވާހަކަފުޅެކެވެ.

މި އިންޓަވިއުގައި ސަފީރު ވަނީ މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމަށް އިރާނުން ޗައިނާގެ ސެޓެލައިޓް ނެވިގޭޝަން ސިސްޓަމް ކަމަށްވާ 'ބެއިޑޫ' ބޭނުންކުރަމުންދާ ކަމަށް ބެލެވޭ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް، މިކަމުގައި ޗައިނާގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "ބެއިޑޫ ސިސްޓަމަކީ އެތައް އަހަރެއް ކުރިން ފެށިގެން އާންމުކޮށް އަދި ވިޔަފާރީގެ އުސޫލުން ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭ ގޮތަށް އޮންނަ އެއްޗެއް. އެ ބޭނުންކުރަނީ ކޮން ބައެއްތޯ އަޅުގަނޑުމެން ވަކި ނުކުރަން"، ޝިއާއޯ ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާތަކެއްގައި އިރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުން ސަފީރު ސިފަކުރެއްވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއްގެ ގޮތުގައެވެ. އޭނާ ވަނީ މިހާރު ހިނގަމުންދާ ހަނގުރާމައާއި އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށާއި، މަޝްވަރާގެ މޭޒަށް އައިސް ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމަށް ގޮވާލައްވާފައެވެ.

ޗައިނާގެ އަސްކަރީ ހަރަދުތައް ގާތްގަނޑަކަށް 7 އިންސައްތަ އިތުރުކޮށްފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައަށް އެމެރިކާގެ ސަމާލުކަން ހުއްޓިފައިވާ ދަނޑިވަޅެއްގައި ޓައިވާނުގެ މައްސަލައިގައި ޗައިނާއިން ގެންގުޅޭ ވިސްނުމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ޓައިވާނުގެ ވަށައިގެން އަސްކަރީ ހަރަކާތްތައް ވަރުގަދަކުރުމަކީ އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކާތީ ދިން އިންޒާރެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ޓައިވާނާއި ޗައިނާ އަލުން އެއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިއާއޯ ވިދާޅުވީ، އެކަމަށް ވަކި ތާރީހެއް ކަނޑައެޅިފައި ނެތް ނަމަވެސް، ވީހާވެސް އަވަހަކަށް އެކަން ވާން އެދޭ ކަމަށެވެ. އަދި ޗައިނާ އެއްވުމަށް ހުރަސްއަޅާ ނުވަތަ އެކަމަށް ތާއީދުނުކުރާ ފަރާތްތަކުން އޭގެ ބަދަލު ދޭންޖެހޭނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތައް ބުނާގޮތުން ޗައިނާއިން 2027 ވަނަ އަހަރު ޓައިވާނަށް އަރައިގަތުމުގެ ރޭވުމެއް މިހާރު ނެތް ނަމަވެސް، ސުލްހަވެރިކަމާއެކު ނުވަތަ އެހެން ގޮތަކުން ނަމަވެސް ޓައިވާން ޗައިނާގެ ބަޔަކަށް ހެދުމުގެ މަސައްކަތް އެގައުމުން ހުއްޓައެއް ނުލާނެއެވެ.

ހިއްސާ ކުރައްވާ!