"މަނަވަރަށް ހަމަލާއެއް އަމާޒުވެއްޖެ ހާލަތެއްގައި އޭގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް" އެމެރިކާގެ ދިފާއީ ވުޒާރާ
އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ އާދަޔާ ހިލާފު އަދި އެންމެ އަގުބޮޑު މަނަވަރު، ޔޫއެސްއެސް ޖެރާލްޑް ފޯޑްގެ ހަނގުރާމަވެރި ގާބިލުކަމާއި ތައްޔާރީތަކާ މެދު ސީރިއަސް ސުވާލުތަކެއް އުފެދިފައިވާ ކަމަށް ޕެންޓަގަންގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. ބްލޫމްބާގް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަނަވަރުގެ އެކި ނިޒާމުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި އޭގެ ފުރިހަމަ ބޭނުން ހިފިދާނެތޯ މިހާރު ވަނީ ޝައްކު އުފެދިފައެވެ.
ޕެންޓަގަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަނަވަރުގައި ބޭނުންކުރާ އެންމެ މުހިންމު ދެ ނިޒާމު ކަމަށްވާ މަތިންދާބޯޓު އުދުއްސާލުމަށް ބޭނުންކުރާ 'އީމަލްސް' ސިސްޓަމާއި، ބޯޓުތައް ޖެއްސުމަށް ބޭނުންކުރާ 'އޭއޭޖީ' ސިސްޓަމްގެ އިތުބާރު ވަނީ ކުޑަވެފައެވެ. މި ނިޒާމުތަކަކީ މަނަވަރުގެ އޮޕަރޭޝަންތަކުގެ މައިބަދަ އެވެ. މި ނިޒާމު ތަކުގެ ގާބިލު ކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަކީ މުޅި މަނަވަރުގެ މަސައްކަތަށާއި މަނަވަރު ބޭނުން ކުރުމަށް ހުރަސްއެޅޭނެ ކަމެކެވެ.

މީގެ އިތުރުން، ހަނގުރާމައިގެ ހާލަތެއްގައި ދުޝްމަނުންގެ ހަމަލާއެއް އަމާޒުވެއްޖެ ނަމަ، މަނަވަރުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރިކަން ކަށަވަރު ކުރެވޭނެ އެކަށީގެންވާ ޑޭޓާ އަދި ލިބިފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ. "މަނަވަރަށް ހަމަލާއެއް އަމާޒުވެއްޖެ ހާލަތެއްގައި އޭގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް" ކަމަށް ޕެންޓަގަންގެ ރިޕޯޓުގައި އިންޒާރު ދީފައިވެއެވެ.
މީގެ ކުރިން މަނަވަރުގެ ލޯންޑްރީ ރޫމް ހިނގި އަލިފާނުގެ ހާދިސާ އެއްގެ ވާހަކަ ދެކެވުނު ނަމަވެސް، މި ރިޕޯޓުން ހާމަވާ ގޮތުގައި މަނަވަރުގައި ހުރި މައްސަލަތައް އެއަށްވުރެ މާ ފުންވެފައި ސީރިއަސްއެވެ.
މަނަވަރުގެ ހަނގުރާމަވެރި ގާބިލުކަން ވަޒަންކުރުމަށް ބޭނުންވާ މުހިންމު ޓެސްޓުތަކުގެ ނަތީޖާ ނެތުމަކީ، އަސްލު މައިދާނުގައި މި މަނަވަރު މަސައްކަތް ކުރާނެ ގޮތް ދެނެގަތުމަށް އޮތް ބޮޑު ހުރަހެކެވެ.
ޔޫއެސްއެސް ޖެރާލްޑް ފޯޑަކީ ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާގެ ކަނޑުގެ ބާރުގެ މައި ތަނބު ކަމަށް ބަލާފައި އޮތް މަނަވަރެވެ. ނަމަވެސް، އެމެރިކާއިން ހަނގުރާމަ ކުރުމަށް ފެންބޮވައިގެންފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ އެންމެ ވަރުގަދަ ހަތިޔާރުގެ ތައްޔާރީތަކާ މެދު މިފަދަ ސުވާލުތަކެއް އުފެދުމަކީ އެ ގައުމުގެ ދިފާއީ އިދާރާގެ ނުކުލެދުންތެރިކަން ސާބިތުކޮށްދޭ ކަމެކެވެ.






