ސަރަހައްދީ ސުލްހަ މަސަލަސްކަމާއި އިންސާނިއްޔަތަށްޓަކައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްވެ ހުރެގެން ހިންގާ "ގަތުލުއާންމު ހިންގާ ވިއުގަ" ވަގުތުން ހުއްޓުވަން ޖެހޭ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޛާން ވިދާޅުވެއްޖެއެވެ.
އުރުދުޛާން ވިދާޅުވީ، "ސަރަހައްދީ ސުލްހައާއި އިންސާނިއްޔަތަށްޓަކައި ނަތަންޔާހޫ އިސްވެ ހުރެގެން ހިންގާ ގަތުލުއާންމު ހިންގާ މީހުންގެ ވިއުގަ ވަގުތުން ހުއްޓުވަން ޖެހޭ" ކަމަށެވެ. މި މޭރުމުން އުރުދުޛާން ވާހަކަފުޅު ދައްކަވާފައި މިވަނީ އީރާނަށް އެމެރިކާއާއި އިޒްރޭލުން ޓެެރަރިސްޓް ހަމަލަ ދެމުންދާ ދަނޑިވަޅެއްގައެވެ.
ޣައްޒާއާއި އެ ސަރަހައްދުގައި އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކަށް ތުރުކީން އަބަދުވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ރައީސް އުރުދުޛާން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އެންމެ ވަރުގަދަ އެއް ލީޑަރުގެ ގޮތުގައި ފާހަގަވެފައެވެ.
އިޒްރޭލާއި ތުރުކީގެ ގުޅުން ގޯސްވެފައި އޮންނާތާ އަހަރުތަކެއް ވެފައިވާއިރު، ހާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރެއެވެ. މީގެ ކުރިން ދެއްވި ތަގުރީރުތަކުގައި ވެސް އުރުދުޛާން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އަމަލުތަކަކީ "ގަތުލުއާންމެއް" ކަމަށް ސިފަކުރައްވައި، އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
އެންމެ ފަހުގެ މި ބަޔާނަކީ ވެސް ތުރުކީގެ ކުރީގެ ސިޔާސަތުތަކާ އެއްގޮތް ބަޔާނެކެވެ. މީގައި ބާރުއަޅާފައިވަނީ ސަރަހައްދީ ދާއިމީ ހަމަޖެހުމެއް ގާއިމުކުރުމަށްޓަކައި އަނިޔާވެރިކަން ހުއްޓާލުމުގެ މުހިންމުކަމުގެ މައްޗަށެވެ.




