އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް އޮމާންގައި ފަށަނީ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ މަޝްވަރާތައް އޮންނާނީ އޮމާން ގައެވެ. މި މަޝްވަރާތައް އޮންނާނީ މެދު ވެރިއަކާ ލައިގެން ނުސީދާ މަޝްވަރާތަކެއް ގެ ގޮތުގައެވެ. ކުރިން ތުރުކީގައި ބާއްވަން އޮތް މަޝްވަރާތައް އިޒްރޭލަށް ޖާސޫސް ކުރުމަށް ފުރުސަތު ނުދިނުމަށް މި ހުކުރު ދުވަހު އޮމާންގެ ވެރިރަށް މަސްކަތަށް ބަދަލު ކުރީއެވެ.

އީރާންގެ ސިޔާދަތަށް އުނިކަމެއް އަންނަ ކަމަކާ މެދު މަޝްވަރާއެއް ނުކުރެވޭނެއެވެ.

  • އީރާންގެ ނިއުކްލިއަރ ޕްރޮގހްރާމު ހުއްޓާލުމެއް ނޯންނާނެ އެވެ.
  • ހަތިޔާރު މަދު ކުރުމެއް ނޯންނާނެ އެވެ.
  • ދެވޭނެ ހަމައެކަނި ލުޔަކީ ފައްކާ ކޮށްފައިވާ ޔުރޭނިއަމް އީރާނުން ރަޝިޔާއަށް ބަދަލު ކުރެވިދާނެ ކަމެވެ.

އީރާނުގެ ތަސްނީމް އެޖެންސީއާ ހަވާލާދީ އަލް-އާލަމް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ހާއްސަކުރެވިފައިވަނީ ހަމައެކަނި ނިއުކްލިއާ މައްސަލައަށާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މައްޗަށެވެ. މި ބައްދަލުވުމުގައި އީރާނުގެ ވަފުދުގެ އިސްވެރިއަކަށް ހުންނަވާނީ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއެވެ. އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ. އޮމާނުން މެދުވެރިއެއްގެ ދައުރު އަދާކުރާއިރު، ދެ ގައުމުގެ މަންދޫބުން ތިއްބަވާނީ ވަކި ދެ ކޮޓަރިއެއްގައެވެ.

މަޝްވަރާތަކުގެ ތައްޔާރީތަކާ ގުޅޭ މަސްދަރުތަކުން ބުނާ ގޮތުގައި، ކުރިން ތުރުކީގައި ބޭއްވުމަށް ހުށަހެޅި މި ބައްދަލުވުން އޮމާނަށް ބަދަލުކުރީ އީރާނުގެ އެދުމުގެ މަތިންނެވެ. އަދި މި މަޝްވަރާތަކުގައި އަރަބި ނުވަތަ އިސްލާމީ އެއްވެސް ގައުމެއްގެ އޮބްޒާވަރުން ބައިވެރިނުކުރުމަށް އީރާނުން ވަނީ ބާރުއަޅާފައެވެ. މީގެ ބޭނުމަކީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ސަރަހައްދީ ހަރަކާތްތަކާ ގުޅޭ މައްސަލަތައް މަޝްވަރާގެ ތެރެއަށް ވަނަނުދިނުމެވެ.

ޓްރަމްޕްގެ ސަރުކާރުން އީރާނަށް އަސްކަރީ ގޮތުން ފިއްތުންތައް ކުރިމަތިކުރަމުންދާއިރު، އަނެއްކޮޅުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި ނިއުކްލިއާ ގާބިލްކަން ހަނިކުރުމަށް ޑިޕްލޮމެޓިކް މަގުން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ވަނީ ހާމަކޮށްފައެވެ.

އޮމާނަކީ ދެ ގައުމުގެ ދެމެދުގައި އިތުބާރު ހުރި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގައުމެކެވެ. އަދި ޒަޔަނިސްޓުންގެ އަސަރުކޮށްފައި ނުވާ އެމީހުންނާ މުއާމަލާތު ނުކުރާ އިޚުލާސްތެރި ގައުމެކެވެ.

2025 ވަނަ އަހަރުގެ ތެރޭގައި ވެސް އޮމާނުން ވަނީ މިފަދަ ނުސީދާ މަޝްވަރާތަކެއް ބާއްވާފައެވެ. ނަމަވެސް ސަރަހައްދީ ހަމަނުޖެހުންތަކާއި އީރާނުގެ މަރުކަޒުތަކަށް ދެވުނު ހަމަލާތަކާ ގުޅިގެން އެ މަޝްވަރާތައް އޭރު ވަނީ މެދުކެނޑިފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެމެރިކާ ނުވަތަ އޮމާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ރޮއިޓާސް އަދި އަލް އަރަބިއްޔާ ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ މި ޚަބަރު ރިޕޯޓުކޮށްފައެވެ.

ހިއްސާ ކުރައްވާ!