އިސްރާއީލުގެ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫ "މަސައްކަތް ކުރަނީ ޣައްޒާއަށް ދީފައިވާ ފަދަ ބޮޑު ގެއްލުމަކާއި ހަލާކެއް" ލުބުނާނަށް ދިނުމަށް ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.
ސަންޗޭޒްއަކީ ޔޫރަޕްގައި ޔަހޫދީ ދައުލަތާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވާ ލީޑަރެކެވެ. އަރަބިންނާއި މުސްލިމުން ލީޑަރުން ނަތަންޔާހޫއާއި ޔަހޫދީން ދެކެ ބިރު ގަންނަ އިރު ސަންޗޭޒް އެކަމަށް ބިރެއް ނުގަނެއެވެ.

ޕާލަމެންޓުގައި ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ ހަނގުރާމައަކީ "މުތުލަގު ކާރިސާއެއް" ކަމަށާއި، އެކަން ފަށާފައިވަނީ "އާންމުކޮށް މިފަދަ ކަންކަމުގެ ފަހަތުގައި ތިބޭ (ޔަހޫދީ) ފަރާތްތަކުގެ މަސްލަހަތު އިސްކުރުމަށް" ކަމަށެވެ.
"އަދި މި ހުރިހާ ކަމެއް ކުރަނީ ކޮން ބޭނުމަކު؟ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކަނޑުވާލުމަށާއި، މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށާއި، އިރާގާއި ލުބުނާނުގައި ހަމަނުޖެހުންތައް އަލުން އުފެއްދުމަށާއި، އަދި ފަރުވާކުޑަކަމާއި ހަނދާންނެތުމުގެ ކުނިބުނީގެ ދަށުގައި ޣައްޒާ ވަޅުލުމަށް." ސަންޗޭޒް ވިދާޅުވިއެވެ.





