ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް އަށް އަމާޒުކުރައްވައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. އަރާގްޗީ ވިދާޅުވީ ޖަރުމަނުގެ ލީޑަޝިޕަށް "ސިޔާސީ ގޮތުން ފައްކާ" ބޭފުޅަކު އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި ޖަރުމަނު ތަމްސީލުކުރައްވަން މާޒް ފަދަ ބޭފުޅަކު ހުންނެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އެ ގައުމަށް ދޭ ޕްރެޝަރު އިތުރުކޮށް މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް އޮތް ކަމަށް މާޒް ވިދާޅުވުމާ ގުޅިގެންނެވެ.
އަރާގްޗީ އިތުރަށް ވިދާޅުވީ، އެއް އިރެއްގައި ޔޫރަޕްގެ ކުރިއެރުމުގެ އިންޖީނުގެ ގޮތުގައި އޮތް ޖަރުމަނު، މިހާރު ފެންނަނީ އޭގެ އިދިކޮޅަށް މަސައްކަތް ކުރާ ތަން ކަމަށެވެ. "ޖަރުމަނަކީ އެއްއިރެއްގައި ޔޫރަޕްގެ ކުރިއެރުމުގެ އިންޖީނު، ނަމަވެސް މިހާރު އެ ގައުމު ބަދަލުވެފައިވަނީ ފަހަތަށްދިއުމުގެ އިންޖީނަކަށް،" އޭނާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އުވާލާފައިވާ އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރުމަށް ފްރާންސާއި އިނގިރޭސިވިލާތަށް ބާރުއެޅުއްވި ކަމަށް ބުނެ ވެސް އަރާގްޗީ ވަނީ މާޒް އަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ނިއުޔޯކުގައި މާޒް ބާރުއެޅުއްވި އެޅުއްވުމުގެ ސަބަބުން ނިއުކްލިއާ މަޝްވަރާތަކުގައި ޔޫރަޕްގެ ތިން ގައުމުގެ ދައުރު ނިމުމަކަށް އައި ނަމަވެސް، މިހާރު އަލުން އެ މަޝްވަރާތަކުގައި ބައިވެރިވުމަށް އޭނާ އާދޭސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މާޒް އަކީ މީގެ ކުރިން ވެސް އީރާނާ ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން އަރާގްޗީ ވިދާޅުވީ، 2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި 1,000 އަށްވުރެ ގިނަ މީހުން މަރުވުމުން މާޒް އެކަމާ އުފާފާޅުކުރެއްވި ކަމަށެވެ.
އެ ހަމަލާއަކީ އިޒްރޭލުން ޖަރުމަނަށްޓަކައި ކޮށްދިން "މުޑުދާރު މަސައްކަތެއް" ކަމަށް ވެސް މާޒް ސިފަކުރެއްވި ކަމަށް އަރާގްޗީ ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ޖަރުމަނުގެ ރައްޔިތުންނަކީ އީޖާދީ މަސައްކަތްތަކުން އިންސާނިއްޔަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ބަޔަކަށް ވާއިރު، އެ ގައުމު ހިންގަން މިއަށްވުރެ އަބުރުވެރި އަދި ސިޔާސީ ގޮތުން ހަރުދަނާ ލީޑަޝިޕެއް ހައްގުވާ ކަމަށެވެ. އީރާނުން އަބަދުވެސް ޖަރުމަނާއެކު ވަރުގަދަ ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.







