ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ޖުމްލަ 6535 އެނދު އިތުރުވެފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އަލަށް 7 ރިސޯޓު ހުޅުވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގައި އަލަށް އެއްވެސް ރިސޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ހުޅުވިފައި ނުވި ނަމަވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި މި ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
"2023 ވަނަ އަހަރު އެންމެ ރިސޯޓެއް ވެސް، އަދި އެންމެ ޓޫރިސްޓް ހޮޓަލެއް ވެސް ރާއްޖޭގައި ހުޅުވިފައެއް ނުވޭ. ނަމަވެސް، މިދިޔަ 2 އަހަރު ފަތުރުވެރިކަމުގެ ސިނާޢަތަށް ޖުމްލަ 6535 ޓޫރިސްޓު އެނދު އިތުރު ވެފައިވޭ،" ރައީސް ވިދާޅުވިއެވެ.
އެނދުތައް އިތުރުވި ގޮތް
މިދިޔަ ދެ އަހަރުގެ ތެރޭގައި އިތުރުވި އެނދުތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު ހުޅުވުނު 3 ރިސޯޓާއި 2024 ވަނަ އަހަރު ހުޅުވުނު 3 ރިސޯޓުން 1474 އެނދު އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން 3 ޓޫރިސްޓް ހޮޓަލަކުން 708 އެނދު، އަލަށް ހުޅުވުނު 194 ގެސްޓްހައުސްއަކުން 3574 އެނދު، 22 ޓޫރިސްޓް އުޅަނދަކުން 463 އެނދު އަދި ހޯމްސްޓޭ އިން 316 އެނދު ވަނީ ސިނާޢަތަށް އިތުރުވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މުޅިން އަލަށް 391 ޓްރެވަލް އޭޖެންސީއަކާއި 45 ޑައިވް ސެންޓަރެއް ރަޖިސްޓްރީކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު 7 ރިސޯޓެއް ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަލާލް ޓޫރިޒަމާއި އަތޮޅުތަކުގެ ތަރައްޤީ
ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ފައިދާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށްވާތީ، މިހާތަނަށް ފަތުރުވެރިކަން އެދެވޭ ގޮތެއްގައި ތަރައްޤީވެފައި ނުވާ 6 އަތޮޅެއްގައި ހަލާލް ޓޫރިޒަމް ހިމެނޭހެން ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ އިނާޔަތްތަކާއެކު އިންވެސްޓްމަންޓްތަކަށް ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން މިހާތަނަށް 8 ތަނެއް އެވޯޑުކޮށް، 6 ތަނެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، ހަލާލް ޓޫރިޒަމަށް ޚާއްޞަކޮށް އެއް ރަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ދެކުނުގެ ފަތުރުވެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫ އަތޮޅުގައި ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު، ސަރުކާރާއި މެނޭޖްމަންޓާ ގުޅިގެން ކުރި މަސައްކަތުން މިހާރު ހުޅުވާފައިވާ ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އައްޑޫ ހަންކެޑެ މަޝްރޫޢު، އިންޓެގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި ތަރައްޤީކުރުމަށް އަލުން އެވޯޑްކޮށްފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.







