އިސްރާއީލުގެ އަސްކަރީ ރޭޑިއޯއިން ބުނި ގޮތުގައި، އިސްރާއީލުގެ ދިފާއީ ވުޒާރާ ފަދަ ނާޒުކު ތަންތަނުގެ ވީޑިއޯތަކެއް ނަގައި އީރާނަށް ފޮނުވި ކުޑަކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ ރޭޑިއޯއިން ތަފްސީލުކޮށްދިން ގޮތުގައި، އުމުރުން 14 އަހަރުގެ އެ ކުއްޖާ ވަނީ އިސްރާއީލުގެ ދިފާއީ ވުޒާރާ އާއި އިޚިލޯވް ހޮސްޕިޓަލުގެ ވީޑިއޯތައް ނަގައި ފޮނުވަފައެވެ. އޭނާ އެފަދަ އެތައް ކަމނެއް ކޮށްދީފައި ވަނީ އެންމެ، 1000 ޑޮލަރުގެ ބަދަލުގައެވެ.

އަދި ޚާރިޖީ ވަޒީރު ސާރް އުޅޭ ނޫޅޭ ގޮތް ބަލައި ވީޑިއޯ ކުރުމަށް އެދުމުން، އެ ކުއްޖާ ޖަވާބުގައި ބުނެފައިވަނީ "މިވަގުތު އަހަރެން މިހުރީ ސްކޫލުގައި ކަމުން އެކަން ކުރެވެން ނެތް ކަމަށާއި، ނަމަވެސް ޗުއްޓީ ދުވަސްވަރު އެ މަސައްކަތް ނިންމާލެވިދާނެ" ކަމަށެވެ.
އިސްރާއީލުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުދަ ދުވަހު ވަނީ ތަލް އަބީބް ސަރަހައްދުގެ ކުޑަކުދިންގެ ކޯޓަށް އެ ކުއްޖާއާ ދެކޮޅަށް ދައުވާ ހުށަހަޅާފައެވެ. އޭނާގެ މައްޗަށް ކުރަނީ ބޭރުގެ އެޖެންޓަކާ ގުޅުން ބޭއްވުމާއި، ދުޝްމަނުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާއެވެ.
ދައުވާގައިވާ ގޮތުން، އޭޕްރީލް 2025 ގައި އެ ކުއްޖާ ވަނީ ޓެލެގްރާމް ގްރޫޕެއްގައި ޖަހާފައިވާ ވަޒީފާގެ އިޢުލާނަކަށް އިޖާބަދީ، ބޭރުގެ ފަރާތަކާ ގުޅުން އުފައްދާފައެވެ. އަދި ޑިޖިޓަލް ވޮލެޓަކަށް ކްރިޕްޓޯކަރަންސީން ފައިސާ ދައްކާ ގޮތަށް އެކި މަސައްކަތްތައް ކޮށްދިނުމަށް ދެފަރާތުން އެއްބަސްވިއެވެ.
އެ ކުއްޖާ ކޮށްދިން މަސައްކަތްތަކުގެ ތެރޭގައި، ތަލް އަބީބްގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައާއި އުޅަނދުތަކުގައި "އަހަރެމެން މިތިބީ އިއްތިހާދަށް ވަފާތެރިކަންމަތީ" މި އިބާރާތް ލިޔުމާއި، އިޚިލޯވް ހޮސްޕިޓަލް ކައިރީގެ މަގުތަކާއި ރަމަޓް ގާންގެ އަވަށްތަކުގެ ވީޑިއޯ ނެގުމާއި، ދިފައީ ވުޒާރާ އިމާރާތް ހުންނަ ތަން އެނގޭ ގޮތަށް ތަލް އަބީބްގެ މަންޒަރުތައް ވީޑިއޯ ކުރުން ހިމެނެއެވެ. މީގެ އިތުރުން، އެ އިމާރާތް ކައިރިން ކުއްޔަށް ހިފާނެ އެޕާޓްމަންޓެއް ހޯދުމަށްވެސް އޭނާއަށް އެންގުނެވެ. އެކަމާ ގުޅިގެން އޭނާ ވަނީ ކުއްޔަށް ދޫކުރާ އެޕާޓްމަންޓެއްގެ ފޮޓޯ ފޮނުވައި، ބައެއް ވެރިންނާ ވާހަކަވެސް ދައްކާފައެވެ.
އަދި ޚާރިޖީ ވަޒީރު ގިޑިއޯން ސާރްގެ ގޭގައި "އަހަރެމެން ބަދަލު ހިފާނަން! އޭ ރޫހުﷲ ގެ ދަރިންނޭ" މިހެން ލިޔުމަށާއި، ވަޒީރުގެ ހަރަކާތްތައް ދައްކުވައިދޭ ވީޑިއޯއެއް ތައްޔާރުކުރުމަށްވެސް އެ ކުއްޖާއަށް އެންގުނެވެ.





