ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އަވަށްޓެރި ޤައުމުތަކާއި އިސްލާމީ އުއްމަތުގެ ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ދައުލަތް ދިފާޢުކުރުމުގައި ޤައުމުގެ ޢަޤީދާއާއި އަމިއްލަވަންތަކަމާއި ދިފާޢީ ލަޝްކަރު ހަރުދަނާވުމާއެކު، ބޭރު ދުނިޔެއާ އޮންނަ ގުޅުންތައް ބަދަހިކުރުމަކީ ކޮންމެހެން ފަރުވާތެރިވާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް ހޯދުމަށް ބޭރުގެ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ކަމަށާއި، މި މަސައްކަތުގައި ބަރޯސާވަނީ މަޝްވަރާގެ މަތިވެރި އުޞޫލުތަކަށާއި ޑިޕްލޮމަސީގެ ރިވެތި ހަމަތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް-ފަރސްޓް" ސިޔާސަތާއި މިނިވަންކަން
ސަރުކާރުގެ "މޯލްޑިވްސް-ފަރސްޓް" ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް އިޙްތިރާމްކުރާ އަދި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކުރިއެރުވުމަށް މަސައްކަތްކުރާ ކޮންމެ ޤައުމަކާއި ޖަމްޢިއްޔާއަކާއެކު މަސައްކަތްކޮށް، ވޭތުވެދިޔަ އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. ވަކި ޤައުމަކަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ދުނިޔޭގެ އިޙްތިރާމް ހޯދައި، ދުނިޔޭގެ މަސްރަޙުގައި ބަސްވިކޭ ޤައުމަކަށް ރާއްޖެ ހައްދަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަމާއި، އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްކަން ރާއްޖެއަށް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން "ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން" ގެ މެންބަރުކަމަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިޚާބުވެފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
އިސްލާމީ އުއްމަތުގެ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) ގައި ރާއްޖެއިން ބަޔާން ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރޮހިންޖާ މުސްލިމުންގެ ޙައްޤުގައި ގެމްބިއާ އިން ހުށަހަޅާފައިވާ މައްސަލައިގައިވެސް ރާއްޖެއިން ތަދައްޚުލުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އޯ.އައި.ސީގެ ބައްދަލުވުންތަކުގައި ފަލަސްޠީނުގެ ޤަތުލުއާމް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. މީގެ އިތުރުން ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން އުފުލައި ދިވެހިންގެ މަޞްލަޙަތު އިސްކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.







