އިސްރާއީލަށް ހަތިޔާރު އުފުލާ ބޯޓެއް މިޞްރުގެ ބަނދަރަކަށް މަޑުކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އިސްރާއީލަށް ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ދަގަނޑު ހިފައިގެން ދިޔަ އުޅަނދެއް މިޞްރުގެ އަބޫ ޤީރު ބަނދަރަށް މަޑުކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު މަޢުލޫމާތުތަކެއް ކަމަށް މިޞްރު ސަރުކާރުން ބުރާސްފަތި ދުވަހު ބުނެފިއެވެ. މިޞްރުގެ މީޑިއާ މިނިސްޓްރީން ވަނީ މިކަމާ ގުޅޭގޮތުން ފެތުރެމުންދާ ޚަބަރުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ކަށަވަރުކޮށްދީފައެވެ.

މިޞްރުގެ ސްޓޭޓް މިނިސްޓްރީ ފޯ އިންފޮމޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް މީޑިއާއާއި ސޯޝަލް މީޑިއާގައި ބޭރުގެ އުޅަނދެއް އަބޫ ޤީރު ބަނދަރަށް މަޑުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އެ ޚަބަރުތަކުގައި ބުނެފައިވަނީ އެ އުޅަނދަކީ އިސްރާއީލުގެ ބަނދަރަކަށް ދަތުރުކުރަމުންދިޔަ، ހަތިޔާރާއި ވަޒަން އުފެއްދުމަށް ބޭނުންކުރާ އެކަތަ ބަރުކޮށްފައިވާ އުޅަނދެއް ކަމަށެވެ.

މިޞްރު ސަރުކާރުން ބުނި ގޮތުގައި މި ވާހަކަތަކަކީ "ކަނޑައެޅިގެން ބުހުތާން ދޮގުތަކެއް" ކަމަށެވެ. އަދި މިޞްރުގެ ހުރިހާ ބަނދަރެއްގައިވެސް މުދާ ބޭލުމާއި އެރުވުމުގެ ކަންކަން ކުރިއަށްދަނީ ބައިނަލްއަޤުވާމީ ކަނޑުގެ އެއްބަސްވުންތަކުގެ ދަށުން، ވަރަށް ހަރުދަނާ މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން، ހުރިހާ މީޑިއާންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުންވެސް މީޑިއާގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް އިޙްތިރާމްކުރުމަށާއި، މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ޚަބަރެއް ފެތުރުމުގެ ކުރިން ރަސްމީ މަޞްދަރުތަކުން އެކަން ކަށަވަރުކުރުމަށް މިޞްރު ސަރުކާރުގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އިސްރާއީލު ބޮއިކޮޓް ކުރުމަށް ގޮވާލާ ހަރަކާތްތަކުން، "އެމް.އެސް.ސީ ޑެނިޓް" ނަމަކަށް ކިޔާ އުޅަނދެއް އަބޫ ޤީރު ބަނދަރަށް މަޑުކުރި ކަމަށް ބުނުމާ ގުޅިގެންނެވެ. އެ ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އެ އުޅަނދުގައި އިސްރާއީލުގެ އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ އެކަތަ ހިމެނޭ 15 ކޮންޓޭނަރު ހުއްޓެވެ.

ހިއްސާ ކުރައްވާ!