މިނާބްގެ އަންހެން ކުދިންގެ ސުކޫލަށް ހަމަލަދީ ޒަޔަނިސްޓުންނާއި އެމެރިކާއިން ހިންގި ގަތުލުއާންމު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އީރާނުގެ މީނާބްގައި ހުންނަ 'ޝަޖަރައޭ ތައްޔިބާ' އަންހެންކުދިންގެ ސްކޫލަށް ބޮން އަޅައި ހިންގި ގަތުލުއާންމު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. 168 ކުޑަކުދިން ޝަހީދުކޮށްލި މި ހަމަލާއަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

"ހަތިޔާރު އެޅި ބައިނަލްއަޤުވާމީ ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތަޢުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރައޭ ތައްޔިބާ އަންހެން ކުދިންގެ ސްކޫލަށް ދިން ވައިގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު ޖަރީމާއެއް"، މި މައުޟޫއަށް ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އިންސާނީ ޙައްޤުތަކާބެހޭ އދ. ގެ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ބޭއްވި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ އިސްރާއިލްއާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ. ސަލްމާގެ ތަޤުރީރުގައި، ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލެބަނަން މިހާރު އޮތް ނުރައްކާތެރި ޙާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އިސްރާއީލު ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށް ރާއްޖޭގެ މަންދޫބު ވިދާޅުވިއެވެ.

ޑރ. ސަލްމާގެ ވާހަކަފުޅަކީ، ރާއްޖޭގެ ރައީސުލްޖުމްޖހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އދގެ މަރުކަޒުގައި ތަޤުރީރު ކުރައްވަމުން ހާމަ ކުރެއްވި ސިޔާސަތާ އެއް ގޮތް ސިޔާސަތެކެވެ. ރާއްޖޭގެ ޗީފް ޑިޕްލޮމެޓުގެ ހައިސިއްޔަތުން އދގައި ޑރ. މުޢިއްޒު ވަނީ ޔަހޫދީ ދައުލަތުން ފަލަސްޠީނުގައި ޖެނޮސައިޑް ހިންގާކަމަށް ސާފު އިބާރާތުން ވިދާޅުވެފައެވެ.

ދިވެހިރާއްޖެއިން ވަނީ، މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، އިސްރާއީލުން ހިންގާފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

މިއީ މި ހަފުތާގެ ތެރޭގައި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީގައި ތާވަލުކުރެވުނު ދެވަނަ ކުއްލި ބަހުސެވެ. މީގެ ކުރިން މާރިޗު 25 ގައި ބޭއްވި ބަހުސްގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެ، ސައުދީ ޢަރަބިއްޔާއާއި ޖޯޑަންއާއި ގަލްފްގެ އެހެން ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހުރިހާ ބަހުސްތަކެއްގައިވެސް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤުވާމީ މުއާހަދާތަކަށް ރާއްޖެއިން ކުރާ އިޙްތިރާމް ހާމަކޮށް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ސާފުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!