ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އީރާނުގެ ރައީސަށް މައުލޫމާތު އަރުވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި ސުލްހަ ގާއިމުކުރުމަށް ޕާކިސްތާނުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވައިފިއެވެ. އެއް ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެންދިޔަ މި ފޯނު ކޯލުގައި ސަރަހައްދީ މަސްލަހަތާއި ހަނގުރާމަ ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ހުކުރު ދުވަހު އީރާނުގެ އާންމު ހިދުމަތްތައް ދޭ ތަންތަނަށް ދިން ހަމަލާތައް ކުށްވެރިކުރައްވައި، މި ދަތި ދަނޑިވަޅުގައި ޕާކިސްތާނު އޮތީ އީރާނުގެ ރައްޔިތުންނާ އެކުކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. އަދި ހަމަލާތަކުގައި ފުރާނަ ގެއްލުނު 1،900 އަށްވުރެ ގިނަ މީހުންގެ އާއިލާތަކަށް ބޮޑުވަޒީރު ތައުޒިޔާ ފޮނުއްވިއެވެ.

ސުލްހައަށް މަގުފަހިކުރުމަށްޓަކައި ޕާކިސްތާނުގެ ފަރާތުން ބޮޑުވަޒީރާއި، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިސްހާގް ދާރުގެ އިތުރުން ސިފައިންގެ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ކުރައްވަމުންދާ މަސައްކަތްތައް އީރާނުގެ ރައީސަށް ތަފްސީލުކޮށްދެއްވިއެވެ. މި މަސައްކަތުގެ ދަށުން އެމެރިކާއާއި، ގަލްފުގެ ގައުމުތަކުގެ އިތުރުން އިސްލާމީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

އީރާނުގެ ރައީސް ޕެޒެޝްކިއާން ވަނީ ޕާކިސްތާނުން އިސްނަގައިގެން ކުރަމުންދާ މި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. ނަމަވެސް، މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި އިތުބާރު ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުތައް ހުއްޓަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ފެބްރުއަރީ 28ން ފެށިގެން އެމެރިކާ، އިޒްރޭލުން އީރާނަށް ދެމުންދާ ޓެރަރިސްޓް ހަމަލަަތއް ހުއްޓުވުމަށް ޕާކިސްތާނުން ދަނީ ތުރުކީއާއި މިސްރާ ގުޅިގެން މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެސެޖުތައް ބަދަލުކޮށް، ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޕާކިސްތާނުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ސީދާ މުއާމަލާތް ކުރައްވާފައެވެ. މީގެ އިތުރުން، އެމެރިކާއިން ހުށަހެޅި ސުލްހައިގެ ހުށަހެޅުމެއް ޕާކިސްތާނުން އީރާނަށް ފޯރުކޮށްދީފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ހިއްސާ ކުރައްވާ!