ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް، އެ ދަރިވަރަކު ބޭނުންވާ ކޮންމެ ރޮނގަކުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދެއްވާގޮތަށް ސަރުކާރުން އުސޫލު ބަދަލުކުރައްވައިފިއެވެ. މި ބަދަލުތައް ހިމެނޭ އާ އުސޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނީ ރާއްޖޭގައި ހުރެގެން ކިޔެވުމަށާއި، ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރުން ކިޔަވަން ތިބުމަށް ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ގައުމުތަކުގައެވެ. އަދި އެ ތަނަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކަށް ވާންޖެހެއެވެ. މީގެ އިތުރުން ދެ މަރުކަޒެއް ގުޅިގެން އެއް ގައުމަށްވުރެ ގިނަ ގައުމުތަކުގައި ކިޔަވާ ގޮތަށް ހަމަޖެހިފައިވާ "ޓްވިނިންގ" ޕްރަގްރާމްތަކުގައި ކިޔެވުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

އާ އުސޫލުގައިވާ ގޮތުން، ދަރިވަރުގެ ޕްރަގްރާމް ފުރިހަމަ ކުރާ ގައުމުގައި އިންޓަރންޝިޕް ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި ނުވަތަ އެ ގައުމަށް ވުރެ ހަރަދުކުޑަކޮށް އެހެން ގައުމެއްގައި ހެދެން އޮތް ނަމަ، މިނިސްޓްރީގެ ހުއްދަޔާއެކު ރާއްޖޭގައި ނުވަތަ ދެވަނަ އެހެން ގައުމެއްގައި އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދެވޭނެއެވެ.

ހައި އެޗީވާސް ސްކޮލަރޝިޕާ ގުޅޭގޮތުން ސަރުކާރުން ނިންމަވާފައިވަނީ ރާއްޖޭގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ. މިއީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި ސްކޮލަރޝިޕް ލިބޭނީ އޭލެވެލް ނުވަތަ އެއާ އެއްވަރުގެ އިމްތިހާނެއްގެ ފަސް މާއްދާއިން، އެސްއެސްސީގެ ދިވެހި ނުވަތަ އިސްލާމް އާއެކު އެއް މާއްދާއިން އޭ ސްޓަރ އަދި އަނެއް ހަތަރު މާއްދާއިން މަދުވެގެން "އޭ" ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. ނުވަތަ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގެ ހުރިހާ މާއްދާއަކުންނާއި އެޗްއެސްސީގެ ދިވެހި ނުވަތަ އިސްލާމުން އޭ ސްޓަރ އަދި ބާކީ މާއްދާތަކުން "އޭ" ގްރޭޑް ހޯދުމުންނެވެ. މީގެ އިތުރުން އިނގިރޭސި މާއްދާއިން އޯލެވެލް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން "ސީ" ފާހެއް އޮންނަން ޖެހެއެވެ.

ހައި އެޗީވާސް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ 3 އަހަރާއި 4 އަހަރުގެ ބެޗްލާސް ޑިގްރީ ކޯސްތަކަށާއި، 6 އަހަރުގެ މެޑިސިން އަދި ޑެންޓިސްޓްރީ ކޯސްތަކުގެ އިތުރުން، ބެޗްލާސް ޑިގްރީއާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމްތަކަށެވެ.

ހިއްސާ ކުރައްވާ!