ހެއިޓީގެ ދަނޑުވެރިކަމަށް މަޝްހޫރު އާޓިބޮނައިޓް ސަރަހައްދުގެ ޕެޓީރިވިއޭ ކައިރީގައި ގޭންގުތަކުން ދިން ވަރުގަދަ ހަމަލާއެއްގައި މަދުވެގެން 70 މީހުން މަރާލައި 30 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ހާމަކޮށްފިއެވެ. މިއީ ސަރުކާރުގެ ރަސްމީ އިދާރާތަކުން ކުރިން އަންދާޒާކުރި 16 މީހުންނަށްވުރެ މާ މަތީ އަދަދެއް ކަމަށް ބުނެއެވެ.
މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ފަތިހު ފެށުނު މި ހަމަލާތައް ހޯމަ ދުވަހުގެ ފަތިހާ ހަމައަށް ކުރިއަށް ގޮސްފައިވެއެވެ. ގޭންގު މެންބަރުން ވަނީ އަވަށްތަކަށް ވަދެގަނެ، ގެދޮރުގައި އަލިފާން ޖަހާފައެވެ. "ޑިފެންސަރސް ޕްލަސް" ރައިޓްސް ގްރޫޕުން އަންދާޒާކުރާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން 6,000 އެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ވިދާޅުވީ، ހެއިޓީގައި ހުންނަ އދ. ގެ އޮފީސްއިން މި ހާދިސާ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މަރުވި މީހުންގެ އަދަދު 80 އަށް އަރާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އދ. އިން ވަނީ ގޮވާލާފައެވެ.
"ޑިފެންސަރސް ޕްލަސް" އާއި އާޓިބޮނައިޓް ސަލާމަތްކުރުމަށް މަސައްކަތްކުރާ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުމާއި އާޓިބޮނައިޓް ސަރަހައްދު ގޭންގުތަކުގެ ބާރަށް ދޫކޮށްލުމަކީ ކަމާބެހޭ ފަރާތްތަކުން ޒިންމާއިން ރެކުން ކަމަށެވެ. މި ހަމަލާއާ ގުޅޭ ގޮތުން، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ މެސެޖެއްގައި "ގްރޭން ގްރިފް" ގޭންގުގެ ލީޑަރު ލަކްސަން އެލަން ބުނެފައިވަނީ، މިއީ އެމީހުންގެ މަރުކަޒަށް ދިން ހަމަލާއެއްގެ ބަދަލުހިފުމެއް ކަމަށެވެ.
ހެއިޓީގެ ފުލުހުން ބުނި ގޮތުގައި، ހަމަލާދިން ސަރަހައްދަށް ހަތިޔާރު އެޅި އުޅަނދު ފޮނުވި ނަމަވެސް، ގޭންގުތަކުން މަގުތައް ކޮނެފައިވުމުގެ ސަބަބުން ދަތުރުކުރުމަށް ދަތި ވެފައިވާ ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގޭންގު މެންބަރުން ވަނީ ފިލާފައެވެ. މިހާރު ފުލުހުން ދަނީ އެމީހުން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ހެއިޓީ އަކީ ފްރާންސްގެ އިސްތިއުމާރުގެ ދަށުގައި އޮތް، ފްރާންސުން ޑިކްޓޭޓަރުންނަށް ވާގިވެރިވެ އެމީހުން އިންދަމުން ދިޔަ ގައުމެވެ. އެގައުމަށް ގެނައި ސިލްސިލާ އިންގިލާބުތަކާއެކު މިހާރު ހައިޓީއަކީ ރަސްމީ ސަރުކާރެއް ނެތް އަމާންކަމެއް ނެތް ގޭންގްގެ ބާރު ހިނގާ ގައުމެކެވެ.
2021 ވަނަ އަހަރުން ފެށިގެން ހެއިޓީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 20,000 އެއްހާ މީހުން މަރުވެފައިވެއެވެ.





