އޮޅުވާލައިގެން ޕާކިސްތާނުގެ ރައްޔިތުކަން ހޯދައިގެން އުޅޭ މައްސަލަ ހައްލުކުރުމަށްޓަކައި، އެފަދަ ފަރާތްތައް ވަގުތުން ދެނެގަނެ ގައުމީ ދަފްތަރުން އެމީހުން އުނިކުރުމަށް ޕާކިސްތާންގެ ދާޚިލީ ވަޒީރު މިނިސްޓަރު މުހްސިން ނަގްވީ އަންގަވައިފިއެވެ.
ނޭޝަނަލް ޑޭޓާބޭސް އެންޑް ރެޖިސްޓްރޭޝަން އޮތޯރިޓީ (ނާޑްރާ) ގެ މަރުކަޒަށް އަންގާރަ ދުވަހު ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ، ގަވާއިދާ ޚިލާފަށް ޕާކިސްތާނުގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތުގައި ތަންފީޒީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އިރުޝާދު ދެއްވާފައެވެ.
މި ބައްދަލުވުމުގައި ނާޑްރާގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް މުހައްމަދު މުނީރު އަފްސަރު ވަނީ އެ އިދާރާގެ މިހާރުގެ މަސައްކަތްތަކާއި ކުރިއަށް ހުރި މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރަށް މައުލޫމާތު ދެއްވާފައެވެ. ޗެއާމަން ވިދާޅުވި ގޮތުގައި، މަރުވެފައިވާ އެތައް މިލިއަން މީހުންގެ އައިޑީކާޑު މިހާރު ވާނީ ބާތިލު ކޮށްފައެވެ. އަދި ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާ ގުޅިގެން، އެފަދަ ފަރާތްތަކުގެ ނަމުގައި ހުރި މޯބައިލް ސިމް ކާޑުތައް ބްލޮކް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިނިސްޓަރު ނަގްވީ ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ނާޑްރާގެ ހިދުމަތްތަކަށް އައު ސަރުކާރާއެކު އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ތައުރީފު ކުރެއްވިއެވެ. އަދި އާންމުންނަށް ލުއިފަސޭހަވާނޭހެން ޒަމާނީ ހިދުމަތްތައް އިތުރަށް ތައާރަފްކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ޕާކިސްތާންގެ ބޮޑެތި ސިޓީތަކުގައި ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގެ ބަދަލުގައި، އަމިއްލަ ބިން ގަނެގެން އެންމެ ޒަމާނީ އޮފީސްތައް ބިނާކުރުމަށް މިނިސްޓަރު ނާޑްރާއަށް އިރުޝާދު ދެއްވިއެވެ. އަދި މިކަމަށް ބޭނުންވާ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށްވެސް ވަނީ އަންގަވާފައެވެ.






