ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ 61 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި، ޕާކިސްތާނަށް ޔޫރަޕްގެ އިއްތިހާދުން ދީފައިވާ ޖީއެސްޕީ ޕްލަސް ވިޔަފާރީގެ އިނާޔަތްތަކާ މެދު ސުވާލު އުފައްދައި، އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ބެލުމަށް ގޮވާލައިފިއެވެ. މި ބައްދަލުވުމުގައި ޔޫރަޕްގެ ސިޔާސީ ބޭފުޅުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ޕާކިސްތާނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ޕާކިސްތާނުގެ ޖީއެސްޕީ ޕްލަސް ހާލަތު: އިންސާނީ ހައްގުތަކުގެ ޝަރުތުތަކާއި، މުއާހަދާތަކުގެ މަސްއޫލިއްޔަތު އަދި ޖަވާބުދާރީވުން" މި ނަމުގައި ބޭއްވި މި ބައްދަލުވުމުގައި، ޕާކިސްތާނުގައި ބައިމަދު މީހުންނަށް ކުރިމަތިވާ ގޯނާތަކާއި، ސިޔާސީ ފިއްތުންތަކާއި، މީހުން ގެއްލުވައިލުމުގެ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. ބައިވެރިން ބުނި ގޮތުގައި ޕާކިސްތާނުގެ ސަރުކާރުތަކުން އަސާސީ ހައްގުތައް ހިމާޔަތްކުރުމުގައި ވަނީ ނާކާމިޔާބުވެފައެވެ.

ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ބާބަރާ ބޮންޓޭ ފޮނުއްވި ރެކޯޑުކުރި މެސެޖެއްގައި ވިދާޅުވީ، މިއީ ހަމައެކަނި ވިޔަފާރީގެ މައްސަލައެއް ނޫން ކަމަށެވެ.
"މިއީ ވިޔަފާރީގެ ސިޔާސަތަށްވުރެ މާ ފުޅާ ދާއިރާއެއްގެ މައްސަލައެއް. މީގައި އެކުލެވިގެންވަނީ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކުރުމާ ވިޔަފާރީގެ ފުރުސަތުތަކާ ގުޅުވުމަށް ޔޫރަޕްގެ އިއްތިހާދުން ވެފައިވާ ވަައުދުގެ އިތުބާރު،" އޭނާ ވިދާޅުވިއެވެ. އަދި ޖީއެސްޕީ ޕްލަސް އަކީ ދާއިމީ ހައްގެއް ނޫން ކަމަށާއި، އެއީ ވަކި ޝަރުތުތަކެއްގެ މައްޗަށް ބިނާވެފައިވާ އިނާޔަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ގްރީސްގެ ޕާލަމެންޓް މެންބަރު ނިކޮލާއޯސް ވްރެޓޯސްގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ދީނީ މައިނޯރިޓީތަކުގެ ހާލަތަށެވެ.
ޕާކިސްތާނުގެ ދީނަށް ފުރައްސާރަކުރުމާ ދެކޮޅު ގާނޫނުތަކުގެ ސަބަބުން، ހަމައެކަނި ކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މީހުންނަށް އަނިޔާކުރުމާއި ޖަލަށްލުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ގޮވާލެއްވީ ޕާކިސްތާނުން އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ މިންވަރު ބަލާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރުގެ ވަޒީރު ޒުލްފީ ބުޚާރީ ވެސް މި ބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ އިމްރާން ޚާނާއި، އެމަނިކުފާނުގެ އާއިލާ އަދި ސިޔާސީ ޕާޓީގެ މެންބަރުންނާ ދެކޮޅަށް ސަރުކާރުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމާއި، އާންމު ރައްޔިތުންގެ މައްޗަށް އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ހިންގުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގެ ބައިވެރިން އެއްބަސްވި ގޮތުގައި، ޕާކިސްތާނުން ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރާ މިންވަރު ވަޒަންކޮށް، އެކަށީގެންވާ އިސްލާހުތަކެއް ނުގެންނަ ނަމަ ޔޫރަޕްގެ އިއްތިހާދުން އެ ގައުމަށް ދީފައިވާ ވިޔަފާރީގެ ހާއްސަ ލުއިތަކާ މެދު ފިޔަވަޅު އަޅަންޖެހެއެވެ.




