އިސްރާއީލުގެ ސަލާމަތީ ވުޒާރާއިން ފްރާންސާއެކު ކުރަމުންދިޔަ ހުރިހާ އަސްކަރީ މުއާމަލާތްތަކެއް ހުއްޓާލައި، އެ ގައުމުގެ ބަދަލުގައި ވިލާތުގެ އެހެން ގައުމުތަކުންނާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުން ހަތިޔާރާއި އަސްކަރީ ސާމާނު ހޯދުމަށް ނިންމައިފިއެވެ.
އިސްރާއީލުގެ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އިސްރާއީލުގެ ސަލާމަތީ ވުޒާރާއިން ފްރާންސްގެ އަސްކަރީ ކުންފުނިތަކާއެކު އެކި ބާވަތުގެ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މުހިންމު ބައިތައް ގަތުމަށް މީގެ ކުރިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

ފްރާންސުން ވަނީ ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކޮށްފައެވެ. މި ހަނގުރާމަ ފެށުނީއްސުރެ ފްރާންސުން ހިފަހައްޓަމުންދާ މިއުސޫލަށް މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
މިދިޔަ ދޮޅު އަހަރެއްހާ ދުވަހު، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް އާއި އެ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް އަމީރު ބަރްއާމް އިސްވެ ތިބެގެން ވަނީ، އަސްކަރީ ގޮތުން އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި އިސްރާއީލުން ވަނީ އަމިއްލައަށް ހަތިޔާރު އުފެއްދުމަށް ބިލިއަނުން ޚަރަދުކޮށްފައެވެ. ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބޭރު ގައުމުތަކަށް އެއްކޮށް ބަރޯސާވުން ހުއްޓާލުމަކީ ނުހަނު އުނދަގޫ އަދި މުސްތަހީލު ކަމެކެވެ.
ފްރާންސަކީ ދުނިޔޭގެ ނިސްބަތުން އެމެރިކާ ފިޔަވައި އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓްކުރާ ދެވަނަ ގައުމެވެ. ހަނގުރާމައިގެ ކުރިން ފްރާންސުން އަހަރަކު އެވްރެޖްކޮށް 20 މިލިއަން ޔޫރޯގެ އަސްކަރީ ސާމާނު އިސްރާއީލަށް ވިއްކަމުން ދިޔައެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިލެކްޓްރޯނިކް ސާމާނުތަކެވެ.



