ދަރަވަންދޫ އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ފަށައިފި

ބ. އަތޮޅު ދަރަވަންދޫ އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާ ހަވާލުކޮށް، އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ ބިޔަ މަޝްރޫއެއް އިއުލާނުކުރުމާއެކު، އެ އެއާޕޯޓް ތަރައްގީގެ އާ މަރުހަލާއަކަށް ދަތުރު ފަށައިފިއެވެ. މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ އެންމެ ބާރުބޮޑު އެއް ރީޖަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް އައު ތަރައްގީއަކަށް ބަދަލުކޮށްލުމެވެ.

އެއާޕޯޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަމީމެވެ. އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސެވެ. މި ބަދަލާއެކު ގައުމީ އެއާލައިނާއި އެއާޕޯޓް އެއް އޮޕަރޭޓަރެއްގެ ދަށަށް ދަރަވަންދޫ އެއާޕޯޓު ދިއުމަކީ، ފަސިންޖަރުންނަށް އިސްކަންދޭ، މެދުކެނޑުމެއްނެތް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ޓާމިނަލް މިހާރު ހުރި 959 އަކަމީޓަރުން 1,874 އަކަމީޓަރަށް ބޮޑުކުރެވޭނެއެވެ. މީގެ ތެރޭގައި އެރައިވަލް، ޑިޕާޗަރ، ޗެކްއިން އަދި ބެގޭޖް ހޭންޑްލިން ސަރަހައްދުތައް ހިމެނެއެވެ.

ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ރަށްތަކާއި ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކަށް ހިދުމަތްދޭ ދަރަވަންދޫ އެއާޕޯޓަށް މިހާރުވެސް ދުވާލަކު 8 ފްލައިޓަށްވުރެ ގިނައިން ޖައްސައެވެ.

އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކުން މިސާލު ނަގައިގެން، މޫސުމަށް އެކަށޭނަ ގޮތަށެވެ. މީގެ ތެރޭގައި ހިޔާކުރެވިފައިވާ ބޭރުގައި މަޑުކޮށްލެވޭނެ ސަރަހައްދުތައް ހިމެނެއެވެ.

އެރައިވަލް ހޯލް ބޮޑުކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަބަސް ލިބޭނެ ގޮތަށް ބެގޭޖް ކޮންވެޔަރ ބެލްޓެއް ހަރުކުރެވޭނެއެވެ. އަދި ޗެކްއިން ސަރަހައްދުގައި ކިއޫ ކުޑަކުރުމަށްޓަކައި ސެލްފްސާވިސް ކިއޯސްކްތައް ގާއިމުކުރެވޭނެއެވެ.

ޑިޕާޗަރ ހޯލް މިހާރަށްވުރެ އަލި، ތަނަވަސް ޖާގައަކަށް ބަދަލުކޮށް، ޒަމާނީ ސެކިއުރިޓީ ސްކްރީނިންގް އާއި ތިން ބޯޑިންގް ގޭޓް ގާއިމުކުރެވޭނެ އެވެ. މިއާއެކު ޓާމިނަލްގެ ކެޕޭސިޓީ 80 ފަސިންޖަރުންނުން 175 އަށްވުރެ ގިނަ ފަސިންޖަރުންނަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މަސައްކަތްތައް އަވަސްކުރުމަށްޓަކައި ބެގޭޖް ސޯޓްއައުޓް ކުރާ ސަރަހައްދުވެސް ބޮޑުކުރެވޭނެއެވެ.

އާއިލާތަކަށް ހާއްސަ ފަސޭހަތަކުގެ ތެރޭގައި ތުއްތު ކުދިން ބެލެހެއްޓުމަށް ހާއްސަ ކޮޓަރިތަކާއި، ގުދުރަތީ އަލި އަދި ވަޔަށް ހުޅުވާލެވިފައިވާ ހާމަ ސަރަހައްދުތައް މި ޕްލޭންގައި ހިމެނެއެވެ.

މި ތަރައްގީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ 75 މީހުންގެ ޖާގަ ހިމެނޭ އާ އެގްޒެކެޓިވް ލައުންޖެވެ. މި ލައުންޖުގައި ޕްރީމިއަމް ސީޓިންގް އާއި، ހާއްސަ ކެއުންބުއިމުގެ ހިދުމަތުގެ އިތުރުން، ބ އަތޮޅުގެ މަތީ ފަންތީގެ ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކަށް ހަމަހިމޭން ހިތްގައިމު މާހައުލެއް ލިބިގެންދާނެއެވެ.

އައިލެންޑް އެވިއޭޝަނުން ބުނާ ގޮތުގައި އެއާޕޯޓް އޮޕަރޭޓަރަކަށްވެފައި، އެއާލައިންވެސް ހިންގާތީ އެ ކުންފުންޏަށް މަތީ ފެންވަރުޔގެ ޚިދުމަތް ދިނުމަށް ޚާއްސަ އިމްތިޔާޒެއް ލިބެއެވެ. މޯލްޑިވިއަން އިން ދަރަވަންދޫއަށް ދުވާލަކު 4 ފްލައިޓަށްވުރެ ގިނައިން ބާއްވާއިރު، މީގެ ސަބަބުން ފަސިންޖަރުންގެ ބޭނުންތައް ދެނެގަނެ، ފްލައިޓް ޝެޑިއުލްތަކާ އެއްގޮތަށް އެއާޕޯޓުގެ ޚިދުމަތްތައް ބައްޓަންކުރުމަށް ފަސޭހަވެގެންދާނެއެވެ.

މި މަޝްރޫއަކީ ރީޖަނަލް އޭވިއޭޝަން އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ފަތުރުވެރިކަމުގެ މުހިންމު މަންޒިލްތަކަށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ މަސައްކަތުގެ ބައެކެވެ. އައިލެންޑް އެވިއޭޝަނުން ބުނީ މި ތަރައްގީއަކީ ޚިދުމަތްތައް ޒަމާނީކޮށް، ހިންގުން ހަރުދަނާކޮށް، ދިވެހި މެހެމާންދާރީ ރަމްޒުކޮށްދޭ ފަދަ ތަޖުރިބާއެއް ފަތުރުވެރި މެހުމާނުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ ތަސައްވުރުގެ ބައެއް ކަމަށެވެ.

"ދަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަރައްގީކުރުމަކީ އޭވިއޭޝަން ދާއިރާ ވަރުގަދަކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް. މީގެ ސަބަބުން ބ. އަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ،" މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވިއެވެ.“ޓާމިނަލް ބޮޑުކުރުމާއި އެގްޒެކެޓިވް ލައުންޖާއެކު، ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ. ހަމައެއާއެކު، މިއީ އަޅުގަނޑުމެންގެ ފަސިންޖަރުން އުންމީދުކުރާ ފަދަ މެހެމާންދާރީއާއި، ޚިދުމަތުގެ ފެންވަރާއި، އިތުބާރު ދަމަހައްޓައިދޭނެ ކަމެކެވެ.”

2012 ވަނަ އަހަރު ހުޅުވި ދަރަވަންދޫ އެއާޕޯޓަކީ އެ ހިސާބުގެ ރަށްތަކަށް ވަރަށް މުހިންމު ތަރައްގީގެ ބޮޅެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރަށް އެހީތެރިވެދީ، ހަނިފަރު ބޭ ފަދަ ހިތްގައިމު އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ މުހިންމު މަންޒިލްތަކަށް ދިއުމަށް އޮތް ދޮރާއްޓެކެވެ. މި އެއާޕޯޓުގެ 1,189 މީޓަރުގެ ރަންވޭއަކީ ބ. އަތޮޅާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާ ގުޅުވައިދޭ ބުރަފަތިލީ އުދުހޭ ބޯޓުތަކުގެ އޮޕަރޭޝަންތަކަށް އެހީތެރިވެދޭ ރަންވޭއެކެވެ.

މި އައު ތަރައްގީއާއެކު، އިތުރުވަމުންދާ ދަތުރުފަތުރުގެ ޑިމާންޑަށް ދަރަވަންދޫ އެއާޕޯޓުން އިޖާބަދެވޭނެ ކަމަށް ބެލެވެއެވެ. އަދި އަތޮޅުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކާއި ރަނގަޅު ވަސީލަތްތަކެއް ފޯރުކޮށްދެވޭނެއެވެ.

2000 ވަނަ އަހަރު އުފެއްދި އައިލެންޑް އެވިއޭޝަން އިން ގައުމީ އެއާލައިން 'މޯލްޑިވިއަން' ހިންގުމުގެ އިތުރުން، ލައުންޖްގެ ޚިދުމަތް، އިންޖިނިއަރިން، ކާގޯ، ސީޕްލޭން އޮޕަރޭޝަންސް އަދި އެއާޕޯޓް މެނޭޖްމަންޓް ހިމެނޭހެން އޭވިއޭޝަންގެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެއެވެ. އެ ކުންފުނީގެ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން، ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި މާލީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށްޓަކައި، ޒަމާނީކުރުމަށާއި މުވައްޒަފުން ތަރައްގީކުރުމަށް ވަނީ އިސްކަންދީފައެވެ.

ދަރަވަންދޫ އެއާޕޯޓް ބޮޑުކުރުމަކީ މިހާތަނަށް ރައީސް މުއިއްޒުގެ ސަރުކާރުން މި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ޒަމާނީ އެންމެ މުހިންމު އެއް އިންވެސްޓްމަންޓެވެ.

ތިބާގެ މައުލުމާތު ވަޒަން ކޮށްލުމަށް:

ރާއްޖޭގައި އޮންނަނީ ޖުމުލަ ކިތައް އެއާޕޯޓު؟

ކިތަން ޑޮމެސްޓިކް އަދި ކިތައް އިންޓަރނޭޝަނަލް އެއަޕޯޓު ބާ؟

ތަރައްގީ ވަމުންއަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އެންމެ އެއާޕޯޓްތައް ގިނައީ ޖކޮން ގައުމެއްގައި؟

ޖަވާބު! 

ހިއްސާ ކުރައްވާ!