މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، މޫސާ ޖަލީލް މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން، މާލޭގެ ތަރައްޤީގެ ރޭސް އަލުން ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ރައްޔިތުން "އާނބަސް" ބުނުމަށް ގޮވާލައްވައިފިއެވެ.
މިރޭ ބޭއްވި ހަރުގޭ ޖަލްސާގައި ވާހަކަދައްކަވަމުން މޫސާ ޖަލީލް ވިދާޅުވީ، ކުރިއަށް އޮތީ މާލޭގެ ރައްޔިތުންނަށް އުފާވެރި ފާގަތި ދުވަސްތަކެއް ކަމަށެވެ. މާލޭގެ ބިމަކީ އޭނާ އުފަންވި ލޮބުވެތި ފަސްގަނޑުކަން ފާހަގަކުރައްވައި، ހުޅުލެ، މާލެ އަދި ވިލިނގިއްޔަކީ އޭނާގެ ޅަފަތުގެ ހަނދާންތައް އާވާ ފަސްގަނޑެއް ކަމަށް ވިދާޅުވިއެވެ.

މޫސާ ޖަލީލް ވިދާޅުވި ގޮތުގައި އޭނާއަކީ ފާއިތުވެދިޔަ ތަނުގައިވެސް ނަތީޖާ ނެރެ ދައްކަވާފައިވާ އަދި ކުރިމަގުގައިވެސް އެ އުސޫލުތައް ދަމަހައްޓަވާނެ، އިހްލާސްތެރި ބޭފުޅެއް ކަމަށެވެ.
"މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރަށާއި ރައްޔިތުންނަށް ފުރިހަމަޔަށް އެއްބާރުލުންދީ އިސްވެ އެކަމުގައި ހަރަކާތްތެރިވުމަކީ އަޅުގަނޑުގެ ޢަޒުމް،" މޫސާ ޖަލީލް
މާލޭގެ ތަރައްޤީގައި އޭނާގެ ހިއްސާ އޮތް މިންވަރުގެ މައްޗަށް އަލިއަޅުވާލައްވަމުން މޫސާ ޖަލީލް ވިދާޅުވީ، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގައި އަމަލީގޮތުން އޭނާ ހަރަކާތްތެރިވެފައިވާނެ ކަމަށެވެ. އަދި 1987 ވަނަ އަހަރު މާލެއަށް ބޮޑުރާޅު އެރި ދުވަސްވަރުވެސް، ރައްޔިތުންނަށްޓަކައި ތަކުލީފު އުފުލި ދަރިއަކަށް އޭނާ ވީކަމަށް ވިދާޅުވިއެވެ. އަދި ނޮވެމްބަރު 3 ގެ ހާދިސާގައިވެސް ގައުމުގެ ދިފާއުގައި މޭ އައްޑަނައަކަށް ދިއްކޮށްލި މީހެއްގެ ގޮތުގައި ފާހަގަކުރެވޭ މޫސާ ޖަލީލް ވިދާޅުވީ، އޭނާގެ މިޒާޖަކީ މުރާލިކަން ކަމަށާއި، އޭނާއަކީ ކަމެއް ނުކޮށް ހަމައެކަނި ނަން ހޯދަން އުޅޭނެ މީހެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ ސިފަ ވާނީ އިތުބާރާއެކު ތަޖުރިބާކޮށްފައި. އަނެއްކާވެސް މި އައީ ދިވެހިންގެ އަމާންކަމާއި ޚިދުމަތަށްޓަކައި، އެ ޚިދުމަތް އަދާކުރުމުގެ ފުރިހަމަ ރޫހުގައި،" މޫސާ ޖަލީލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މާޒީގައި ކަންކަން ކުރި ފަދައިން، އުސޫލުތައް ދަމަހައްޓައި ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ތަރައްޤީގެ ތަސައްވުރާ ބެހޭގޮތުން ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އިންގިލާބީ ބަދަލުތަކުގައި ބައިވެރިވާން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދަށް ޚާއްޞަ މާސް ޕްލޭނެއްގެ ދަށުން ސަރުކާރުން ބޮޑު އުމްރާނީ އިންފްރާސްޓްރަކްޗަރއެއް ބިނާކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
"ރައީސް މާލޭގެ މޭޔަރަކަށް ހުންނެވިއިރު އެކަށައެޅުއްވި މާސްޓާ ޕްލޭންގެ ފުރަތަމަ ބައިގައި އޮތީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން. ރައީސްގެ ވައުދާއެކު ބޯހިޔާވަހިކަން އެންމެނަށް ކަށަވަރުވާނެ،" މޫސާ ޖަލީލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެންމެ ބޮޑު ދެ ކޮންނަ ބޯޓުން މިހާރުވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
"ދުނިޔޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މިހާރު ވެސް އެ މަސައްކަތުގައި ރަސްމާލެ ހިއްކުމުގައި ދަނީ މަސައްކަތް ކުރަމުން. މީގެ އަނެއް ބަޔަކީ މާލޭގައި ކުދިކުދި ބިންކޮޅުގައި އުޅޭ ރައްޔިތުންނަށް ތަނަވަސް ގޮތެއް ހޯދައިދިނުން. ފުލެޓު ނަމަވެސް، ގޯތި ނަމަވެސް ކޮންމެ ވެސް ގޮތްތަކެއް ހަމަޖައްސައިދިނުން. މި ފަދަ ހުރިހާ ކަމަކަށް ސީދާ ރައްޔިތުންގެ އަރިހަށް ވަޑައިގެން އަޑުއައްސަވައިގެން ރައީސް އެ ގެންދަވަނީ ހައްލުތައް ދެއްވަމުން." މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
މޫސާ ޖަލީލް ވަނީ މާލޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށްޓަކައި އޭނާއަށް ވޯޓު ދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާ ޚިދުމަތްތައް ފަހިކޮށްދިނުމުގެ ބައިވެރިއަކީ ކައުންސިލާއި އަދި އެ އިދާރާގެ އެންމެ އިސް ފަރާތަކީ މޭޔަރު ކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލާއި މޭޔަރު ވާން ޖެހޭނީ އަމިއްލަ ޖަޒުބާތަށް ވުރެ ރައްޔިތުންނަށް އިހްސާންތެރި، އޯގާވެރިޔަކަށް ކަމަށް ވިދާޅުވިއެވެ.






