ސުކޫކު އަދާކުރީ ފައިސާ ޗާޕުނުކޮށް، ރިޒާވް ރެކޯޑް މިންވަރެއްގައި ބަހައްޓައިގެން: ރައީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކީ، ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނިނުކޮށް އަދި ފައިސާ ޗާޕުނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މާދަމާ އޮންނަ އިންތިޚާބާ ގުޅިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ހަވީރު ބޮޑުޔ ހިނގާލުމަށްފަހު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ވެރިކަމުގައި ނެގި މި ދަރަންޏަކީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި ނެގި ދަރަންޏެއް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އިއްޔެ ދައްކައި ނިންމި 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) އަކީ ދިވެހި މާލިއްޔަތުގެ އަމިއްލަ ބާރުވެރިކަމުގައި ދެއްކި ފައިސާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ފައިސާ ދެއްކިއިރު ޤައުމުގެ ރިޒާވް ރެކޯޑް އަދަދެއްގައި ހިފެހެއްޓިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މީޑިއާގެ ތައުރީފް ރައީސް މުއިއްޒަށް: 500 މިލިއަން ޑޮލަރުގެ ސުކޫކު، ދަރަންޏެއް ނުނަގާ ދައްކައިފި

އިޤްތިޞާދީ ގޮތުން ޤައުމު އޮތް ނާޒުކު ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ޙަވާލުވިއިރު އޮތް ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރެއްވީ އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕުނުކޮށް ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ ޤައުމީ ވިސްނުން،" ކަމަށް ވިދާޅުވެ، ކުރިއަށް އޮތް އިންތިޚާބުގައި ހުރިހާ ރައްޔިތުން ކޮންގްރެސް ޕާޓީއަށް ވޯޓުދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ސަރުކާރުން މި ބޮޑު ދަރަނި އަދާކުރުމާ ގުޅިގެން އިދިކޮޅު ލީޑަރުންގެ ފަރާތުން ވެސް ވަނީ ތައުރީފް ލިބިފައެވެ. އެގޮތުން ބައިނަލްއަގްވާމީ މިޑިއާއިން ވަނީ އިތުރު ދަރަންޏެއް ނުނަންގަވައި ސުކޫކުގެ ފައިސާ އަދާކުރެއްވުމުން އެކަމަށް މަރުޙަބާ ކިޔަިއ ތައުރީފް ކޮށްފައެވެ.

މިއަދުގެ ހަރަކާތުގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، ރައީސް ވަނީ ޤައުމުގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބަލާލާފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް