ބައިނަލްއަގްވާމީ މީޑިއާގެ ތައުރީފް ރައީސް މުއިއްޒަށް: 500 މިލިއަން ޑޮލަރުގެ ސުކޫކު، ދަރަންޏެއް ނުނަގާ ދައްކައިފި

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ފަހު ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ގާތްގަނޑަކަށް އިތުރު 24.68 މިލިއަން ޑޮލަރު އެއްކޮށް ދައްކައި ޚަލާސްކޮށްފައިވާކަން އޭޕްރިލް 2 ވަނަ ދުވަހު ސަރުކާރުން ކަށަވަރުކޮށްދިނުމާ އެކު، ރާއްޖޭގެ މާލީ ހާލަތާ މެދު ބައިނަލްއަގުވާމީ މީޑިއާއިން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށް ބުނެ ސަރުކާރުގެ ދުރު ވިސްނޭ އިގްތިސާދީ މާލީ ސިޔާސަތަށް ތައުރީފުކޮށްފިއެވެ.

ސަރުކާރުން ވަނީ ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކާ ފައެވެ. މި މާލީ ޒިންމާ ރަނުން ރަނަށް އަދާކޮށް ނިންމާފައި ވަނީ ބޭރުގެ އެއްވެސް އާ ދަރަންޏެއް ނުނަގަ އެވެ.
އެފައިސާ ދައްކާފައި ވަނީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ.
މިއީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ އިސްލާމީ ބޮންޑު ޚަލާސްކޮށް ނިންމާލުމުގެ އިތުރުން، ދައުލަތުން މިހާތަނަށް އެއްފަހަރާ ދެއްކި އެންމެ ބޮޑު ދަރަންޏެވެ.

ފާއިތުވެގެން މިދިޔަ ދެ އަހަރެއްހައި ދުވަހު، ބައިނަލްއަގްވާމީ މީޑިއާއިން މި ސުކޫކު ދައްކައި ޚަލާސް ކުރުން ސިފަކުރަމުން އައީ ރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރެވޭނެ އިމްތިހާނެއްގެ ގޮތުގައެވެ. ނަމަވެސް، މި ފައިސާ ދައްކާ ނިންމުމާއެކު އެ ފަރާތްތަކުގެ ވިސްނުން ބަދަލުވެ، ސަރުކާރަށް ތައުރީފުގެ ބަސްތައް ރައްދުކޮށްފައި ވެއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން، 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް، ތަކުރާރުކޮށް އިންޒާރު ދެމުންދިޔައީ، ސުކޫކަކަށް ފައިސާ ނުދެއްކި "ޑިފޯލްޓް" ވެގެންދާނެ ފުރަތަމަ ގައުމަށް ރާއްޖެ ވެދާނެ ކަމަށެވެ.
މި ވާހަކަތައް ބިނާވެފައި އޮތީ ކޮވިޑަށް ފަހު އިގްތިސާދު އިއާދަވުމުގައި ހުރި ގޮންޖެހުންތަކާއި، ފައިސާ ޗާޕް ކުރުމުގެ އާދައާއި ޗައިނާ އާއި އިންޑިއާއަށް ދައްކަންޖެހޭ ބޭރުގެ ބޮޑު ދަރަންޏާއި، ބައިނަލްއަގްވާމީ ހަނގުރާމަތައް ކަމަށްވާ، ރަޝިޔާ ޔޫކްރޭން ހަނގުރާމައާއި މެދުއިރުމަތީގެ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލި ފަތުރުވެރިކަމަށް ކުރަމުންދާ އަސަރުތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފާނެ ހީނަރުކަމާ ހެދިއެވެ.

ބައިނަލްއަގްވާމީ މާލީ މުހިންމު މީޑިއާއެއް ކަމަށްވާ ނިކޭ އޭޝިއާގެ މާރިޗު 29 ގައި ޝާއިއުކުރި ރިޕޯޓެއްގައި: "އޭޕްރިލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކުން ރާއްޖޭގެ ދަރަނީގެ ތަކުލީފުތައް ހާމަވެއްޖެ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓަކީ އޭރު މީޑިއާގައި އޮތް އާންމު ވިސްނުން ދައްކުވައިދިން ރިޕޯޓެކެވެ.
އެ ރިޕޯޓުގައި، ރާއްޖެއަށް ދަރަނި ދެއްކުމަކީ 2026 އާ ހަމައަށް ދާއިރު ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށް ބުނެ ވޯލްޑް ބޭންކުން މީގެ 4 އަހަރު ކުރިން ދީފައިވާ އިންޒާރެއް އަލުން ފާހަގަކޮށް ޝާއިއުކޮށްފައިވެއެވެ. އަދި ދައުލަތުގެ ރިޒާވަށް އޮތް ޕްރެޝަރާއި، އިންވެސްޓަރުންގެ ކަންބޮޑުވުންތަކާއި، ޑޮލަރުގެ ތަދުމަޑުކަމުގެ ތެރޭގައި ސަރުކާރުން ބޭރުން އިތުރަށް ފައިސާ ހޯދަން ކުރި މަސައްކަތްތައް ތަފްސީލުކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ދިވެހި ރައްޔިތުންނާއި އިންވެސްޓަރުންނަށް ޔަޤީންކަން ދެއްވަމުން، އެމަނިކުފާނުގެ ސަރުކާރުން މިކަމަށް ދުރާލައި ތައްޔާރުވެ، 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ދަރަނި ކަލާސް ކުރުމަށް ރައްކާކޮށްފައިވާ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ބައިނަލްއަގްވާމީ މާލީ މީޑިއާ ބްލޫމްބާގް އިން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ގެނެސްދިން ރިޕޯޓުތަކުގެ ސުރުޚީގައި: "ދުނިޔޭގެ ފުރަތަމަ ސުކޫކް ޑިފޯލްޓް ވުމުގެ ބިރު އޮތުމުން އިންވެސްޓަރުން ރާއްޖެއާ ފެއަށް ދަނީ" ކަމަށް ބުނެފައި ވެއެވެ.

އެހެން ބައިނަލްއަގްވާމީ މީޑިއާ ކަމަށްވާ ރޮއިޓާސް، ޗައިނާގެ ޝިންހުއާ، އިންޑިއާގެ ބިޒްނަސް ސްޓޭންޑަޑް އަދި އިންޑިއާގެ މަނީކޮންޓްރޯލް ފަދަ މާލީ ދާއިރާގެ މީޑިއާއިން ވެސް 2024 އިން ފެށިގެން 2026 ގެ ކުރީކޮޅާ ހަމައަށް މިފަދަ ޚަބަރުތައް ފަތުރާފައިވެއެވެ.

ގިނަ މީޑިއާއިން ވަނީ މާލީ ހާލަތު ވަޒަން ކުރާ އިދާރާތއް ކަމަށްވާ ފިޗް އަދި މޫޑީސް އިން ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަމުގެ ދަރަޖަ، ކްރެޑިޓް ރޭޓިން ދަށް ކުރިކަން ފާހަގަކޮށްފައެވެ. އަދި، ކޮންމެ ހަ މަހަކުން ދައްކަންޖެހޭ ކޫޕަން ޕޭމަންޓްތަކުގެ ސަބަބުން ޜާއްޖޭގެ އިޤްތިސާދަށް ކުރިމަތިވާ ތަކުލީފުތައް ވެސް އެފަރާތްތަކުން ފާހަގަކުރިއެވެ. އެހެންނަމަވެސް، ސާބިތު ކަމާއެކު ރައީސް މުޢިއްޒުގެ ސަރުކާރުން ދިޔައީ ފަސްޖެހުމެއް ނެތި، އެ ފައިސާ ތާވަލާ އެއްގޮތަށް ދައްކަމުން ގައުމާއި ރައްޔިތުންނަށް އަދި ބޭރުގެ ފަރާތްތަކަށް ޔަގީންކަން ދެމުންނެވެ.

އިއްޔެ 2 އެޕްރީލްގައި، މާލީ ވުޒާރާއިން ސުކޫކުގެ ދަރަނި ރަނުން ރަނަށް ދައްކައި ޚަލާސްކުރިކަން ޔަގީން ކޮށްދިނުމާއެކު ބައިނަލްއަގުވާމީ މީޑިއާގެ ރިޕޯޓުތަކުގައި ރާއްޖެއާއި ރާއްޖޭގެ އިގްތިސާދާއި އަދި ދަރަނި ދެއްކުމުގެ ގާބިލުކަމާމެދު ދެކޭ ގޮތް ކުއްލިއަކަށް ބަދަލުވެގެން ހިނގައްޖެއެވެ.

އިންޑިއާގެ މަޝްހޫރު މީޑިއާއެއް ކަމަށްވާ ވިއޯން އަކީ މިކަމާ ގުޅޭގޮތުން އެންމެ އަވަހަށް އެންމެ ތަފްސީލުކޮށް އަދި އެންމެ އެދެވޭ ގޮތަށް ރިޕޯޓު ކުރި ފުރަތަމަ މީޑިއާއެވެ.

"ރާއްޖެއިން 500 މިލިއަން ޑޮލަރުގެ އިސްލާމީ ބޮންޑު ދައްކާ ޚަލާސްކޮށްފި، މެދުއިރުމަތީގެ ހަނގުރާމައިގެ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ކަމުގެ އިތުބާރު އެބައޮތް" މި ސުރުޚީގެ ދަށުން ވިއޯންގައި ލިޔެފައިވާ ރިޕޯޓުގައި، ދަރަނި ދެއްކުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ޝާއިއުކުރި ބަޔާންގައި ހުރި ވާހަކަތައް ހިމަނާފައުި ވެއެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން ރައިސް މުއިއްޒު ސަރުކާރުން ގެނައި މާލީ އިސްލާހީ ބަދަލުތަކާއި، ރެކޯޑް މިންވަރަކަށް ރިޒާވް އިތުރުކުރުމަށް އެހީތެރިވި ބޭރު ފައިސާގެ ހަރުދަނާ ގަވާއިދުތައް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޓޫރިޒަމްގެ އިތުރު ހަރަކާތުގެ ސަބަބުން 2026 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 5.3 އިންސައްތައަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ނުރައްކާ އޮތްކަން ވެސް ވިއޯން ގެ ރިޕޯޓުގައި ފާހަގަކުރިއެވެ.

ރޮއިޓާސްއިން ޝާއިއުކުރި ރިޕޯޓުގައި، މުހިންމު ކަމެއްވެސް ފާހަގަ ކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ، ސުކޫކު ފައިސާއަށް ރަނުން ރަނަށް ސަރުކާރުން މި ދެއްކި އަދަދަކީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެއްފަހަރާ ދިވެހި ސަރުކާރުން ދެއްކިދަރަނީގެ އެންމެ ބޮޑު އަދަދު ކަމަށެވެ. އަދުި މިއީ އިތުރަށް ބޭރުން ފައިސާ ހޯދުމަކާއި، ދަރަންޏެއް ނެގުމާ ނުލައި ސަރުކާރުގެ އަމިއްލަ ފައިސާއިން ދެއްކި ދަރަންޏެއް ކަމަށް ބުނެ، އެ މަސައްކަތަށް ތައުރީފުކޮށްފައި ވެއެވެ. އަދި ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކުން މިގޮތަށް މާލީ ކަންކަން މެނޭޖު ކުރުމަކީ، ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއް ކަމަށް ބަލައި ގަންނަ ކަމަށްވެސް ބުނެފައި ވެއެވެ.

ބައިނަލްއަގްވާމީ އެހެން މީޑީެގ ތެރޭން، އިސްލާމިކް ފައިނޭންސަށް ޚާއްސަ ޕްލެޓްފޯމްތައް ކަމަށްވާ ޔޫއެސް މުސްލިމްސްޑޮޓްތްކޮމް އާއި އަދި އިސްލާމިކް ފައިނޭންސް ނިއުސްއިން ވެސް ވަނީ ރާއްޖެއިން 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކިކަން ފާހަގަ ކޮށް އެކަން ރިޕޯޓް ކޮށްފައެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖެއަށްވެސް ބޮޑުކޮށް ކުރި ނަމަވެސް، މިފަދަ ހާލަތެއްގައި ރާއްޖެއިން ސުކޫކުގެ ފައިސާ ދެއްކުމަކީ ފާހަގަ ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އިންޑިއާ އަދި ޗައިނާގެ މީޑިއާއިން ވަނީ ރާއްޖޭގެ މާލީ ކަންކަން މެނޭޖުކުރުމުގެ ހަރުދަނާ ސިޔާސަތުގެ ވާހަކަ ހުޅަނގުގެ މީޑިއާއަށް ވުރެ ބޮޑަށް އުންމީދީ ގޮތަކަށް ފާހަގަ ކޮށްފައެވެ. އަދި އިންޑިއާއާއި ޗައިނާގެ ބައެއް ރިޕޯޓްތަކުގައި ތަފްސީލުތައް ވެސް ގިނަ ކޮށް ގެނަސްދީފައި ވެއެވެ.

• އިންޑިއާގެ މީޑިއާ: ވިއޯން އިން ރާއްޖެއާ ބެހޭ ގޮތުން ގެނަސްދިން އުންމީދީ ރިޕޯޓްގެ އިތުރުން، އިންޑިއާގެ ވިޔަފާރި ޚަބަރުތައް ގެނެސްދޭ ބައެއް ޕޯޓަލްތަކުން ވެސް މިކަމާ ގުޅޭ ރިޕޯޓުތއް ގެނަސްދީފައި ވެއެވެ. އެ ފަރާތްތަކުން ބޮޑަށް އަލިއަޅުވާލާފައި ވަނީ އާ ދަރަންޏެއް ނުނަގައި ފައިސާ ދެއްކި ކަމަށާއި ދުނިޔޭގެ ހަކަތައިގެ އަގަށް އަންނަ ލޮޅުންތަކަށް ކެތްކުރުމުގެ ގާބިލުކަން ރާއްޖޭގައި ހުރި ކަމަށް ބުނެއެވެ. އަދި ސޮލީބީ ހަނގުރާމައިގެ ސަބަބުން ތެލުގެ ބާޒާރަށް އަސަރުކުރި ނަމަވެސް، ކުރިއަށް ހުރި މާލީ ޒިންމާތައް އަދާކުރުމުގައި ދިވެހި ސަރުކާރަށް އިތުބާރު ބޮޑު ވެފައިވާ ކަމަށް އިންޑިއާ މީޑިއާއިން ފާހަގަކޮށްފައި ވެއެވެ.

• ޗައިނާގެ މީޑިއާ: ޗައިނާ ސަރުކާރާ ގުޅުންހުރި ޕްލެޓްފޯމްތަކާއި ސަރަހައްދީ އިގްތިސާދީ ސައިޓްތަކުން ސުކޫކު ފައިސާ ދެއްކުން ސިފަކުރީ ރާއްޖޭގެ މާލީ ސިޔާސަތުގެ ހަރުދަނާ ކަމާއި މާލީ ދާއިރާއަށް ހަމަޖެހުން އަންނަ ކަމުގެ ނިޝާނެއްގެ ގޮތުގައެވެ. އެ ފަރާތްތަކުގެ ރިޕޯޓްތައް ބޮޑަށް ބިނާކޮށްފައިވަނީ 2024 ވަނަ އަހަރުން ފެށިގެން ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ފުޅާ އިގްތިސާދީ އިސްލާހުތަކަށާއި ރިޒާވް ވަރުގަދަކުރުމުގެ މަސައްކަތަށެވެ. 2024 އަދި 2025 ވަނަ އަހަރު ހުޅަނގުގެ މީޑިއާއިން ބޮޑަށް ފަތުރފައިވާ "ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު" ރާއްޖެއަށް އޮތް ވާހަކަތަކާ ޗައިނާގެ މީޑިއާތަކުން ވަނީ ދުރުހެލި ވެފައެވެ. އޭގެ ބަދަލުގައި، އެ ފަރާތްތަކުން ސާބިތުކޮށްދިނީ ރާއްޖޭގެ އިގްތިސާދީ ސިޔާސަތުގެ ވަރުގަދަކަމާއި ދެމެހެއްޓެނިވި އުސުޅުތަކުގެ ހަރުދަނާ ކަމުގެ ވާހަކައެވެ.

ޖުމުލަ ގޮތެއްގައި މީޑިއާއިން ވަނީ ރާއްޖެއިން ކުރި މަސައްކަތަކީ ކާމިޔާބީއެއް ކަމަށް ފާހަގަ ކޮށްފައެވެ.

މި ކަންކަމާ ޚިލާފަށް، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ ފަރާތުން މިކަމާ މެދު ފެނުނީ ހިމޭންކަމެވެ. ރާއްޖެއާއި ދުނިޔޭގެ މީޑިއާގައި ޚަބަރު ޝާއިއުކުރި ތާ 24 ގަޑިއިރު ވެގެން ދާއިރުވެސް އިދިކޮޅު އެއްވެސް ޕާޓީއަކުން ނުވަތަ އެއްވެސް އިސް ބޭފުޅަކު ސުކޫކު ދަރަނި ދެއްކުމާއި މިކަމުން ރާއްޖެއަށް ލިބުނު ރިތި ނަމާއި މި ފިޔަވަޅުގެ މުހިންމުކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. މި މުއާމަލާތުގެ މުހިންމު ކަމާއި، އަދި މިކަމަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ މިންވަރަށް ބަލާއިރު، އިދިކޮޅުގެ ޒިންމާދާރު ކަން ކުދަކަން ފާހަގަ ކުރެވެއެވެ. ބެލެވޭ ގޮތުގައި، ޕާޓީތަކުގެ އިސް ބޭފުޅުން ބޮޑަށް ސަމާލުކަން ދެއްވަނީ ފަހު ވަގުތުގެ ކެމްޕޭން ހަރަކާތްތަކަށެވެ.

ވައުދުތައް ފުއްދަމުން ގައުމު ހަމަމަގަށް އަޅުވާނެ މޭސްތިރިއަކީ ރައީސް މުއިއްޒުކަން ސާބިތުކޮށްދެއްވައިފި

ހިއްސާ ކުރައްވާ!