އީރާނާއި، ލެބަނަން އަދި ޔަމަނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނާއި، ލެބަނަން އަދި ޔަމަނުން ގުޅިގެން އިސްރާއީލުގެ ތަލް އަވީވް، ގުދުސް އަދި އީލާތަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފިއެވެ. ތަލް އަވީވް އާއި ގުދުސްގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ. އިސްރާއީލުގެ މީޑިއާން މި ހަމަލާތައް ސިފަކޮށްފައިވަނީ ތިން ގައުމަކުން އެއްވަގުތެއްގައި ދިން ވަރުގަދަ ހަމަލާތަކެއްގެ ގޮތުގައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ މިއީ ވައުދުއްސަދިގު 4′ އޮޕަރޭޝަންގެ ދަށުން ދިން ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކުގައި ތަލް އަވީވް އާއި ހައިފާގެ އިސްތިރާތީޖީ މަރުކަޒުތަކަށާއި، ބިއުރުއްސަބާގައި ހުރި ކެމިކަލް ފެކްޓްރީތަކަކަށް ވަނީ އަމާޒުކޮށްފައެވެ.

މީގެ އިތުރުން ޔޫއޭއީގައި ހުރި ޑްރޯން އުފައްދާ ކާރުޚާނާތަކަކަށާއި ކުވައިތުގައި ހުރި އެމެރިކާގެ އަލީ އައްސާލިމް އެއަރ ބޭސްއަށް ވެސް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެއެވެ.

ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ބުނެފައިވަނީ އީރާނާއި ހިޒްބުﷲ އާ ގުޅިގެން އީލާތުގެ މުހިންމު ތަންތަނަށް ކްރޫޒް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ. ހަމަ އެއާއެކު، ލެބަނަންގެ ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާދީ، ދެކުނު ލެބަނަންގައި އޮތް އިސްރާއީލުގެ ދެ ޓޭންކަކަށް ޑްރޯން ހަމަލާދީފައެވެ.

އިސްރާއީލުގެ ފުލުހުންނާއި މީޑިއާ ރިޕޯޓްކުރާ ގޮތުގައި، ތަލް އަވީވްގެ 30 އަށްވުރެ ގިނަ ސަރަހައްދަކަށް މިސައިލްގެ ބައިތައް ވެއްޓި، އިމާރާތްތަކާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހަމަލާތަކުގައި މަދުވެގެން 4 މީހަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ބިއުރުއްސަބާގައި ހުރި ކެމިކަލް ފެކްޓްރީއަކަށް ހަމަލާ އެރުމުގެ ސަބަބުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އިސްރާއީލުގެ ފަޔަރ ސާވިސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

"މި އޮޕަރޭޝަންގެ މަގްސަދުތައް ވަނީ ކާމިޔާބުކަމާއެކު ހާސިލްކުރެވިފައި،" ޔަމަނުގެ ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި މަރުގެ ސައިރަން އަޅަމުންދާއިރު، އިސްރާއީލުގެ ސިފައިން ދަނީ ހަމަލާތަކުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!