މަސްޖިދުލްއަގްސާ ބަންދު ކުރުމުންވެސް ސަހުޔޫނީންނަށް ދީލައިގެން ފިޔަވަޅެއް އަޅާކަށް ނުކެރުނު

މަސްޖިދުލްއަގްސާ ބަންދުކޮށްފައި އޮންނަތާ ދެ މަސް ދުވަސް ވެގެންދާއިރުވެސް މުސްލިމު ގައުމަކަށް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. ފަލަސްޠީނުގެ ފަރާތްތަކުން ބުނާ ގޮތުގައި ޔަހޫދީން ދަނީ އެމީހުންގެ ޔަހޫދީ ރަބީއު މޫސުމާ ދިމާކޮށް މަސްޖިދުލްއަގްސާގެ ތެރެއަށް ޒަބަހަ ކުރުމަށް ޖަނަވާރު ވައްދައި ގުރުބާން ކުރުމަށް ތައްޔާރު ވަމުންނެވެ.

އަސަރާއެކު މަސްޖިދުލް އަގްސާ ހިމާޔަތް ކޮށް ދިނުމަށް އެދި އިސްލާމީ އުންމަތަށް ގޮވާލަމުން ފަލަސްޠީނު މީހުން ބުނަނީ މިއީ 1967 ވަނަ އަހަރަށް ފަހު ޔަހޫދީން މިފަދަ އަމަލުތައް އެންމެ ގިނައިން ހިންގާ ފަހަރެވެ.

ޔަހޫދީންނަށް ހިތްވަރު ލިބިފައި ވަނީ ބައެއް މުސްލިމުން ފަލަސްޠީނުގެ މައްސަލައިން ވިޔަފާރިކޮށް އަމިއްލަ ފައިދާއަށް ވިޔަފާރި މުއާމަލާތެއްގެ ގޮތުގައި ބޭނުން ކުރުމުންނެވެ.

ޣައްޒާ ބަނޑަށް ޖައްސައި ޔަހޫދީން ގަތުލުއާންމު ހިންގި އިރު ޓީވީ ބަލަން ތިބެގެން ޔަހޫދީންނާއެކު ވިޔަފާރި ކުރި އަރަބިންގެ ބޮލަށް މިއަދު އިސްލާމީ މިސައިލްތައް އޮހޭއިރު ބިރުން އީރން ކުށްވެރި ކުރަމުން ދެއެވެ. ނަމަވެސް އަރަބިންގެ އެ ވާހަކަތައް އަޑު އަހާނެ ބަޔަކު އިސްލާމީ އުންމަތުގައިވެސް އަދި ދުނިޔޭގައި ވެސް ނޫޅެއެވެ. އެންމެންވެސް ހަނދާން ކޮށްދެނީ ޣައްޒާގެ ދުވަސްވަރު އަރަބިން ހިމޭނުން ތިބި ގޮތެވެ.

ޔަހޫދީ ޖެނޮސައިޑް ރެޖީމުން މަސްޖިދުލްއަގްސާ ބަންދުކޮށްފައިވަނީ އީރާނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކުގެ ނިވަލުގައި މަސްޖިދުލްއަގްސާ އެއްކޮށް ޔަހޫދީންގެ ކޮންޓްރޯލު ދަށަށް ގެންދިއުމުގެ މަގްސަދުގައެވެ. އަދި އަރަބިންނާއި މުސްލިމުން ޔަހޫދީންނާއި އެމެރިކާ ދެކެ ފަސްޖެހެމުންދާތީ މުހައްލިލުން ދެކެނީ ޔަހޫދީން އެމީހުންގެ މަގްސަދުގައި ކާމިޔާބުވެ މުސްލިމުންގެ އަތުން މަސްޖިދުލް އަގްސާ ދާދި އަވަހަށް ބީވެގެން ހިނގައިދާނެ ކަމަށެވެ.

މަސްޖިދުލްއަގްސާ ބަންދުކޮށްފައި އޮންނަތާ މިއަދަށް 37 ދުވަސް ވެފައި ވެއެވެ. ފެކްސް ބަޔާންތައް ނެރުމުގެ އިތުރުން މާބޮޑު މަންޒަރެއް ފެނިފައެއް ނުވެއެވެ.

މިއީ 1967 ގެ ފަހުން ހުކުރު ދުވަހު މިސްކިތް ބަންދުކުރި 9 ވަނަ ފަހަރެވެ. މިސްކިތުގެ ގޯތިތެރެއާއި ހޯލުތައް ވަނީ މުސްލިމުން ބޭރުކޮށް އެއްކޮށް ހުސްކޮށްލާފައެވެ.

ގުދުސްގެ އިދާރާތަކުން ވަނީ މުސްލިމުންގެ ނުކުޅެދުންތެރިކަމާއެކު މި ކަމުގައި ބައިނަލްއަގުވާމީ މުޖުތަމައިން ފިޔަވަޅެއް އަޅައި ދިއުމަށް އިލްތިމާސް ކޮށްފައެވެ. މިސްކިތް ވަގުތުން ހުޅުވައި، އިސްތިއުމާރީ ވަޒަންވެރިން ހިންގާ ދީނީ ހަރުކަށި އަމަލުތައް ހުއްޓުވައި ދިނުމަށްވެސް އެދިފައި ވެއެވެ.

ހިއްސާ ކުރައްވާ!