ފަލަސްތީނުގެ 80 އިންސައްތަ އަސީރުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ބެން ގަވީރު ބުނެފި

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު މިއަދު ބުނެފައިވަނީ، ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅާފައިވާ ގާނޫނުގެ ދަށުން، މިހާރު ޖަލުތަކުގައި ތިބި އަސީރުންގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަށް މަރުގެ އަދަބުދީ ދަންޖައްސައި އެމީހުން ކިބައިން ޖަލުތައް ސާފުކޮށްލެވޭނެ ކަމަށެވެ. އޭނާ މިހެން ބުނީ މިއަދު ދިން ބަޔާނެއްގައެވެ.

ބެން ގަވީރު ބުނި ގޮތުގައި، ހުޅަނގު އައްސޭރީގައި މީހުން މެރުމުގެ އަމަލުތައް ހިންގާ ކޮންމެ މީހަކަށް މަރުގެ އަދަބު ދިނުމަކީ މަޖުބޫރު ކަމަކަށް ހަދަން ޖެހެއެވެ. އަދި ފަލަސްޠީނުގެ އަސީރުން ދަންޖެއްސުމަށް ޔަހޫދީން ފާސްކޮށްފައިވާ ގާނޫނަކީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ކޮންމެ މީހަކަށް އަމާޒުކޮށްފައިވާ ގާނޫނެއް ކަމަށާއި، މިކަމާ ގުޅޭގޮތުން ހުރި ހުރިހާ ގާނޫނީ ހުރަސްތަކެއް މިހާރު ނައްތާލެވިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި މި ގާނޫނުގެ ދަށުން ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ މަތީ ކޯޓުން ދަންޖެއްސުމަށް ހުކުމް ނުކޮށްފިނަމަ އެ ކޯޓުވެސް އުވާލަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އަސީރުންނާ މެދު މި ޔަހޫދީ ކަލޭގެ ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް އަލިއަޅުވާލަމުން އޭނާ ބުނީ، "އަސީރުންނަށް ލިބޭ ފައިސާ އާއި، ކެންޓީނުގެ ޚިދުމަތާއި، ކާބޯތަކެއްޗާއި، ޒިޔާރަތްކުރުމާއި، ގޯތިތެރޭގައި ހިނގާލުމުގެ ފުރުސަތާއި، އަދި ތައުލީމު އުނގެނުމުގެ ފުރުސަތު އަތުލީ އަހަރެން. އަދި އަހަރެން ބޭނުންވަނީ އެމީހުންގެ ފުރާނަވެސް އަތުލަން،" ކަމަށެވެ. އަދި އެކަން ކޮށްފައި ދުނިޔެއަށް ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުގެ ސުޕްރީމް ކޯޓުން މި ގާނޫނަށް ހުރަސްއަޅައިފިނަމަ އަމަލުކުރާނެ ގޮތާ ބެހޭގޮތުން އޭނާ ބުނީ، "ސުޕްރީމް ކޯޓުން މަރުގެ އަދަބު ދިނުމުގެ ގާނޫނު ހުއްޓުވައިފިނަމަ، އިސްލާހު ކުރަންޖެހޭނީ އެ ގާނޫނެއް ނޫން، އުވާލަން ޖެހޭނީ ކޯޓު،" ކަމަށެވެ. މީގެ އިތުރުން، އިސްރާއީލުގެ ދާޚިލީ ސަލާމަތާ ބެހޭ ޚިދުމަތް (ޝާބާކް) ގެ ވެރިޔާ ވެސް މި ގާނޫނުގެ ސަބަބުން ދުޝްމަނުން ބިރުގަންނަވާލުމަށް ބާރު ލިބޭ ކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށް ބެން ގަވީރު ބުންޏެވެ.

ހިއްސާ ކުރައްވާ!