އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް އިސްލާހު ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ގެޒެޓުކުރި އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް ގެނައި 8 ވަނަ އިސްލާހުގައިވާ ގޮތުން، ބައެއް ހާލަތްތަކުގައި ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި އިސްލާހުގައިވާ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި، އެފަދަ އެހެން އުޅަނދެއް ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތުގައި ގަރާޖު ސިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ. މި ލުއި ލިބޭނީ ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމަށްފަހު، އެ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އާ އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތްތަކުގައެވެ.
އުޅަނދު ރަޖިސްޓަރީ ކޮށްދިނުމުގައި ބަލާނެ ޝަރުތުތައް:
މިގޮތަށް ގަރާޖު ސިޓީއާ ނުލައި އުޅަނދު ރަޖިސްޓަރީ ކޮށްދެވޭނީ މުހިންމު ތިން ޝަރުތެއް ފުރިހަމަވާނަމައެވެ. އެ ޝަރުތުތަކަކީ:
- އުޅަނދު ނައްތާލި ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުން.
- ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށް، މިހާރުވެސް ބޭނުންކުރަމުންދާ އުޅަނދަކަށް ވުން.
- ނައްތާލެވޭ އުޅަނދަކީ ފާއިތުވެދިޔަ 5 އަހަރު ދުވަހު ގަވާއިދުން އަހަރީ ފީ ދައްކާފައިވާ އުޅަނދަކަށް ވުން.
މި ބަދަލަކީ ވިޔަފާރިތަކަށް ބޭނުންވާ އުޅަނދުތައް އައުކުރުމުގައި ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ގެނައި މުހިންމު ބަދަލެކެވެ. މި އާ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ގަވާއިދު ވިދާޅުވުމަށް:



