އޮޕަރޭޝަން ފްރޮންޓިއަރ+ III ގެ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ރާއްޖޭގައި ބާއްވަނީ

ޓްރާންސްނޭޝަނަލް ސްކޭމްތައް ނުވަތަ ބޯޑަރު ހުރަސްކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ބޮޑު އޮޕަރޭޝަނެއް ކަމަށްވާ "އޮޕަރޭޝަން ފްރޮންޓިއަރ+ III" ރަސްމީކޮށް ފަށައިފިއެވެ. މި އޮޕަރޭޝަންގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަނަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ "ފްރޮންޓިއަރ+ އެލަޔަންސް" އިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި އެލަޔަންސްގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް ހިމެނެއެވެ. މިއީ މިފަދަ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަނެވެ.

މި އޮޕަރޭޝަންގެ ދަށުން ހާއްސަ ސަމާލުކަމެއް ދޭނެ ދާއިރާތަކުގެ ތެރޭގައި އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިންގ އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތައް ހިމެނެއެވެ. އޮޕަރޭޝަން ކުރިއަށްދާނީ މާރިޗު 10 އިން މެއި 7 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ބައިވެރިވާ ހުރިހާ ގައުމުތަކުން ސްކޭމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެއެވެ.

އޮޕަރޭޝަން ބިނާވެފައިވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ ވަގުތުން ފިޔަވަޅު އެޅުމާއި، ވަގުތުން އިންޓެލިޖެންސް ހިއްސާކުރުމާއި، ޑޭޓާގެ އަލީގައި ސްކޭމްތައް ދެނެގަތުމުގެ އިތުރުން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމެވެ. މި މަސައްކަތުގެ ތެރެއިން ޝައްކުކުރެވޭ ބެންކު އެކައުންޓްތަކާއި މަނީ މިއުލްސް ދެނެގަނެ، ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް އިސްކަންދެވޭނެއެވެ.

މި އޮޕަރޭޝަންގެ ނަތީޖާ މެއި 13 ގައި ހުށަހެޅުމަށް ފަހު، މެއި 20 ގައި ރާއްޖޭގައި ބާއްވާ ޕްރެސް ކޮންފަރެންސްގައި މުޅި ދުނިޔެއަށް ތަފާސްހިސާބުތައް ހާމަކުރާނެއެވެ. މީގެ ތެރޭގައި ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ މައުލޫމާތު ހިމެނެއެވެ. މިދިޔަ އަހަރުގެ އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މިއަހަރުގެ އޮޕަރޭޝަނާއެކު ސްކޭމްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ކުށްވެރިންގެ އުކުޅުތައް ދެނެގަނެ ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!